ދުނިޔެ

އިނގިރޭސިވިލާތާއި އިންޑިއާގެ ވިޔަފާރި އެއްބަސްވުން: ދުނިޔޭގެ އިގްތިސާދީ ކުރިއެރުމަށް ނަމޫނާއެއް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އިނގިރޭސިވިލާތާއި އިންޑިއާއިން ވަނީ ދެ ގައުމުގެ ވިޔަފާރީގެ ހުރަސްތައް ނައްތާލައި، އިގްތިސާދީ ކުރިއެރުން ހޯދުމަށް ތާރީޚީ ފްރީ ޓްރޭޑް އެގްރީމެންޓެއްގައި ސޮއިކުރުމަށް މަގުފަހިކޮށްފައެވެ. މި އެއްބަސްވުމަކީ ހިތްވަރުގަދަ އަދި ހާސިލުކުރެވޭނެ ފަދا އެއްބަސްވުމެއްގެ ގޮތުގައި ބެލެވޭއިރު، މީގެ ސަބަބުން ދެ ގައުމުގެ އިގްތިސާދީ ކުރިއެރުމާއި، ޓެކްނޮލޮޖީގެ ރޮނގުން އާ ކަންތައްތައް ހޯދުމާއި، މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ގޮތުން މަސައްކަތްކުރުމަށް މަގުފަހިވެގެންދާނެއެވެ.

Ads by MPL

މި އެފްޓީއޭއަކީ ހަމައެކަނި މިހާތަނަށް ނުފެންނަ ފަދަ އެއްބަސްވުމެއް ވުމުގެ އިތުރުން، ބަދަލުވަމުންދާ ދުނިޔޭގެ ހާލަތުގައި ވިޔަފާރީގެ ގުޅުންތައް ބަދަހިކުރުމުގެ ރަނގަޅު މިސާލެކެވެ. އާ ދުނިޔޭގެ ނިޒާމުގައި ބާރުވެރިކަން އެކި ދިމަދިމާލަށް ބަދަލުވަމުން ދިއުމާއި، އުތުރާއި ދެކުނުގެ ގުޅުން މުހިންމުވަމުން ދިއުން ފާހަގަކުރެވެއެވެ.

މި އެއްބަސްވުމުގެ ސަބަބުން ހަމައެކަނި ދެ ގައުމަށް ނޫން، މުޅި ދުނިޔެއަށްވެސް ފައިދާތަކެއް ކުރާނެއެވެ. އިނގިރޭސިވިލާތަށް މާކެޓް ތަނަވަސްވެ، ވިޔަފާރި އިތުރުވެގެންދާނެއެވެ. އިންޑިއާއަށް ވަޒީފާގެ ފުރުސަތުތައް އިތުރުވެ، އަގުހެޔޮކޮށް މުދާ އިމްޕޯޓްކުރެވި، ހުޅަނގުގެ މާކެޓްތަކަށް ވަދެވޭނެ މަގު ތަނަވަސްވެގެންދާނެއެވެ. އަދި މުޅި ދުނިޔެއަށް މިފަދަ އެއްބަސްވުންތަކުގެ މުހިންމުކަން އިތުރަށް ހާމަވެގެންދާނެއެވެ.

މި އެއްބަސްވުމުގެ ދަށުން އިނގިރޭސިވިލާތުގެ މަޝްރޫބާތު، އޮޓޯމޯޓިވް، މެޑިކަލް ޑިވައިސް އަދި އެޑްވާންސްޑް މެނުފެކްޗަރިންގ ދާއިރާތަކުގެ 90 އިންސައްތަ ޓެރިފް މަދުކުރެވޭނެއެވެ. މީގެ ތެރޭގައި ވިސްކީ، ޖިން، އެއަރޯސްޕޭސް ބައިތައް، ކަންނެލި، ސާމަން، އިލެކްޓްރިކަލް މެޝިނަރީ، ސޮފްޓް ޑްރިންކްސް، ޗޮކްލެޓް އަދި ބިސްކޯދު ހިމެނެއެވެ.

އިންޑިއާއަށް މި އެއްބަސްވުމުގެ ދަށުން 99 އިންސައްތަ ޓެރިފް ލައިންތަކުން ޓެރިފް ނެގުން ހުއްޓާލެވޭނެއެވެ. މީގެ ސަބަބުން ޓެކްސްޓައިލް، ކަނޑުގެ އުފެއްދުންތައް، ހަމުގެ އުފެއްދުންތައް، އިންޖިނިއަރިންގ މުދާ، ފައިވާން، ކުޅިވަރު ތަކެތި، ކުޅޭ ތަކެތި، ގަހަނާ، އޮޓޯ ޕާޓްސް، އިންޖީނު އަދި އޯގަނިކް ކެމިކަލްސްގެ ދާއިރާތަކަށް ފައިދާކުރާނެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!