ދުނިޔެ

އިންޑިއާގެ ޔޫޕީއައި އިން އެއް ދުވަހުގެ ތެރޭގައި 707 މިލިއަން މުޢާމަލާތް ފުރިހަމަކޮށް ރެކޯޑް ޤާއިމްކޮށްފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އިންޑިއާގެ ޑިޖިޓަލް ޕޭމަންޓް ދާއިރާއިން އައު ރެކޯޑެއް ޤާއިމްކޮށްފިއެވެ. އެގޮތުން 2025 ވަނަ އަހަރުގެ އޯގަސްޓް 2 ވަނަ ދުވަހު ޔުނިފައިޑް ޕޭމަންޓްސް އިންޓަރފޭސް (ޔޫޕީއައި) މެދުވެރިކޮށް 24 ގަޑިއިރުގެ ތެރޭގައި 707 މިލިއަން މުޢާމަލާތް ފުރިހަމަކޮށްފައިވާކަމަށް ނެޝަނަލް ޕޭމަންޓްސް ކޯޕަރޭޝަން އޮފް އިންޑިއާ (އެންޕީސީއައި) އިން ހާމަކޮށްފިއެވެ.

Ads by MPL

ޖުލައި މަހުގެ ތެރޭގައި އެވްރެޖްކޮށް ދުވާލަކު 650 މިލިއަން މުޢާމަލާތް ހިންގަމުން އައި ޔޫޕީއައި އިން މި ރެކޯޑު ޤާއިމްކުރެވުނީ މަހުގެ ފެށުމުގައެވެ. މާލީ ތަޙްލީލުވެރިން ފާހަގަކުރާ ގޮތުގައި މި އިތުރުވުން އައިސްފައިވަނީ މަހުގެ ފެށުމުގައި ކުރެވޭ ކުލީގެ މުޢާމަލާތްތަކާއި، މުސާރަ ދޫކުރުމާއި، ޔުޓިލިޓީ ބިލްތައް ދެއްކުން ފަދަ ކަންކަމުގެ ސަބަބުންނެވެ.

2023 ވަނަ އަހަރު ދުވާލަކު 350 މިލިއަން މުޢާމަލާތް ހިންގަމުން އައި ޔޫޕީއައި އިން، 2024 ގެ އޯގަސްޓް މަހާ ހަމައަށް އައިއިރު މި އަދަދު 500 މިލިއަނަށް އިތުރުވެ، މިހާރު 700 މިލިއަން ފަހަނައަޅާފައިވެއެވެ. އިންޑިއާ ސަރުކާރުގެ އަމާޒަކީ 2026 ވަނަ އަހަރާ ހަމައަށް ދުވާލަކު 1 ބިލިއަން މުޢާމަލާތް ހިންގުމެވެ.

މިހާރު އިންޑިއާގެ ޑިޖިޓަލް މުޢާމަލާތްތަކުގެ 85 އިންސައްތަ ހިންގަނީ ޔޫޕީއައި މެދުވެރިކޮށެވެ. އޭގެ ތެރެއިން 62 އިންސައްތައަކީ ވިޔަފާރިތަކުގެ މުޢާމަލާތްތަކެވެ. މި ނިޒާމުގެ މަޤްބޫލުކަން ލިބިފައިވަނީ ފޯނުޕޭ، ގޫގުލް ޕޭ އަދި ޕޭޓީއެމް ފަދަ މޮބައިލް އެޕްލިކޭޝަންތަކާއި ބޭންކިންގ އެޕްތައް މެދުވެރިކޮށް ފަސޭހައިން މުޢާމަލާތް ކުރެވޭތީއެވެ.

އިންޑިއާ މިހާރު ވަނީ މި ޑިޖިޓަލް ޕޭމަންޓް ޓެކްނޮލޮޖީ ބޭރު ޤައުމުތަކަށް އެކްސްޕޯޓް ކުރަން ފަށާފައެވެ. ވަޒީރުލްއަޢުޡަމް ނަރެންދްރަ މޯދީ ވަނީ ބިމްސްޓެކް ޤައުމުތަކުގެ ޕޭމަންޓް ނިޒާމުތަކާއެކު ޔޫޕީއައި އިންޓަގްރޭޓް ކުރުމަށް ހުށަހަޅުއްވާފައެވެ. އަދި އިންޑިއާގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ޕެރިސްގެ އީފަލް ޓަވަރުގައި މި ނިޒާމުގެ ރަމްޒީ ގޮތުން ބޭނުންކުރަން ފެށުމަކީ މި ނިޒާމުގެ ބައިނަލްއަޤްވާމީ ފެންވަރުގައި ކުރިއަރަމުންދާ މިންވަރު ދައްކުވައިދޭ ކަމެކެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!