ކޮވިޑް-19: ފްލެޓުތަކުގެ ކުލި ދެއްކުން އިތުރު 3 މަހަށް ފަސްކޮށްފި
ހައުސިންގ ޔުނިޓްތަކުގެ ޕްރޮގްރާމުގެ ދަށުން ސަރުކާރަށް ދައްކަންޖެހޭ ފްލެޓުތަކުގެ ކުލި ދެއްކުން އިތުރު ތިން މަހަށް ފަސް ކޮށްފިއެވެ.
މިޕްރޮގްރާމުގެ ދަށުން މާލެ، ހުޅުމާލެ، ވިލިމާލެ އާއި އަތޮޅުތެރެއިން ދޫކޮށްފައިވާ ފްލެޓާއި ހައުސިންގ ޔުނިޓުތަކުން ސަރުކާރަށް ދައްކަން ޖެހޭ ކުލި ކޮވިޑް-19 އާ ގުޅިގެން ސަރުކާރުން ވަނީ މިއަހަރުގެ މާރޗު މަހުން ފެށިގެން ހަ މަސް ދުވަހުގެ މުއްދަތަކަށް ފަސްކޮށްދީފައެވެ. މިމުއްދަތު މިދިޔަ އޮގަސްޓު މަހުގެ 31 އަށް ހަމަވެފައިވާއިރު، ސަރުކާރުން މިހާރު ވަނީ ކުލި ދެއްކުން އިތުރު ތިން މަހަށް ފަސް ކޮށްދީފައެވެ.
މިކަމާއި ގުޅޭގޮތުން މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ބުނީ ވަރަށް ގިނަ ފަރާތްތަކަކުން މުއްދަތު އިތުރު ކޮށްދެއްވުމަށް އެދެމުންދާތީ، މިއަހަރުގެ ސެޕްޓެމްބަރުން ނޮވެމްބަރުގެ ނިޔަލަށް (03 މަހަށް) ކުލި ނެގުން ފަސްކުރުމަށް ނިންމާފައިވާކަމަށެވެ.
ހައުސިންގ މިނިސްޓްރީން އިތުރަށް ބުނެފައިވަނީ ކުލި ދެއްކުން ފަސް ކުރެވިފައިވީ ނަމަވެސް، އެމުއްދަތުގައި ވެސް މެއިންޓަނަންސް ފީ ދައްކަން ޖެހޭނެ ކަމަަށެވެ.