ދުނިޔެ

ރަޝިޔާއިން ތެޔޮ ގަތުމާ ގުޅިގެން އެމެރިކާއިން އިންޑިޔާއަށް އަޅާ ޓެރިފަށް އިންޑިޔާގެ ފޮރިން މިނިސްޓްރީން ރައްދު ދީފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އިންޑިޔާއިން ރަޝިޔާގެ ތެޔޮ ގަތުމާ ގުޅިގެން އެމެރިކާއިން އިތުރު އަދަބުތަކެއް ދޭން އިންޒާރު ދިނުމާ ގުޅޭ ގޮތުން އިންޑިޔާގެ ފޮރިން މިނިސްޓްރީން މިއަދު ބަޔާނެއް ނެރެފިއެވެ. އެމެރިކާއިން ވަނީ އިންޑިޔާއިން އެތެރެކުރާ ހުރިހާ މުދަލަކަށް 25 ޕަސެންޓުގެ ޓެރިފެއް އެޅުމަށް ނިންމާފައެވެ. މި ޓެރިފް ތަންފީޒުކުރަން ފަށާނީ 2025 ވަނަ އަހަރުގެ އޯގަސްޓް 7 ވަނަ ދުވަހުންނެވެ.

Ads by MPL

އިންޑިޔާގެ ފޮރިން މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވަނީ، "އިންޑިޔާއަށް ފާޑުކިޔާ ޤައުމުތަކުން ވެސް ރަޝިޔާއާއެކު ވިޔަފާރި ކުރަމުންދާކަން ފާހަގަކުރެވޭ. އަދި އެ ޤައުމުތަކުން ކުރާ ވިޔަފާރިއަކީ އިންޑިޔާއާ ޚިލާފަށް، ޤައުމީ ބޭނުންތަކަށް ކޮންމެހެން ކުރަންޖެހޭ ވިޔަފާރިއެއް ވެސް ނޫން" ކަމަށެވެ.

އިންޑިޔާގެ ބަޔާނުގައި އިތުރަށް ފާހަގަކޮށްފައިވަނީ ޔޫރަޕާއި ރަޝިޔާއާ ދެމެދު ކުރެވޭ ވިޔަފާރީގައި ހަމައެކަނި ހަކަތައިގެ ބާވަތްތައް ނުހިމެނޭ ކަމަށާއި، ފަރޓިލައިޒަރ، މައިނިންގ ޕްރޮޑަކްޓްސް، ކެމިކަލްސް، އަދި އަނގަރު އާއި ދަގަނޑުގެ އިތުރުން މެޝިނަރީ އަދި ޓްރާންސްޕޯޓް އިކުއިޕްމަންޓް ވެސް ހިމެނޭ ކަމަށެވެ. އަދި އެމެރިކާއިން ވެސް ރަޝިޔާއިން ނިއުކްލިއަރ އިންޑަސްޓްރީއަށް ޔުރޭނިއަމް ހެކްސަފްލޯރައިޑް، އިލެކްޓްރިކް ވެހިކަލް އިންޑަސްޓްރީއަށް ޕަލޭޑިއަމް، އަދި ފަރޓިލައިޒަރާއި ކެމިކަލްސް އެތެރެކުރަމުންދާ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

އިންޑިޔާގެ މި ބަޔާނާ ގުޅޭ ގޮތުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެފައިވަނީ ރަޝިޔާއިން ފަރޓިލައިޒަރާއި ކެމިކަލްސް އެތެރެކުރާ ކަމެއް އެނގިވަޑައިނުގަންނަވާ ކަމަށެވެ. އަދި މި މައްސަލަ ބަލަން ޖެހޭނެ ކަމަށް ވިދާޅުވިއެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އޯގަސްޓް 6 ވަނަ ދުވަހު އެގްޒެކެޓިވް އޯޑަރެއްގައި ސޮއިކުރައްވާ، ރަޝިޔާއިން ތެޔޮ ގަތުމާ ގުޅިގެން އިންޑިޔާއަށް އިތުރު 25 ޕަސެންޓުގެ ޓެރިފެއް އަޅުއްވާފައެވެ. މިއާއެކު އެމެރިކާއިން އިންޑިޔާއަށް އަޅާފައިވާ ޖުމްލަ ޓެރިފް 50 ޕަސެންޓަށް އަރާފައިވެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!