ޚަބަރު

ޑރ. އަލީ ލަތީފްގެ އިލްތިމާސް: ކާފިއު އުވާލިޔަސް ގޭގައި މަޑުކޮށްދެއްވާ

ދެން އެމްވީ ، ދެން އޮންލައިން

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި މާލޭގައި ހިންގި ކާފިއު އުވާލި ނަމަވެސް ވީހާވެސް ގިނަ މީހުން އަދިވެސް ގޭގައި މަޑުކޮށްދެއްވުމަށް ކްނިކަލް އެޑްވައިޒަރީ ކޮމިޓީގެ ލީޑަރު ޑރ. އަލީ ލަތީފް ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

އާންމު ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމާއެކު ޑައިރެކްޓާ އޮފް ޕަބްލިކް ހެލްތަށް ލިބިގެންވާ ބާރުގެ ދަށުން މާލޭ ސިޓީގައި ކޮންމެ ދުވަހަކު ހަވީރު 5:00 އިން ފެށިގެން ރޭގަނޑު 8:00 އަށް ކާފިއު އިއުލާން ކުރަން ފެށީ މިމަހުގެ ދެވަނަ ދުވަހު އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މިއަދުން ފެށިގެން މާލެ ވިލިމާލެ އަދި ހުޅުމާލެގައި ކޮންމެ ދުވަހެއްގެ ހަވީރު 5:00 އިން ފެށިގެން ރޭގަނޑު 20:00 އަށް އެއްގަމު އުޅަނދު ފަހަރު ދުއްވުމާއި، މަގުމަތި މީހުން އުޅުން ހުއްޓައިލުމާއި، ޕަބްލިކް ޓްރާންސްޕޯޓްގެ ހިދުމަތް ދިނުން ހުއްޓާލުމަށް އެންގި އެންގުން ބާތިލުކުރާ ކަމަށެވެ.

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. އަލީ ލަތީފު ވިދާޅުވީ ކާފިއު އުވާލަން ނިންމީ ރާއްޖޭގައި އަދި ކޮމިއުނިޓީ ސްޕެރެޑެއް ނެތުމުން ކަމަށާއި ހާލަތަށް ބަލައި 24 ގަޑިއިރު ވަންދެން ކާފިއު ހިންގަންޖެހޭ ހާލަތެއް ވެސް އަތުވެދާނެ ގަބޫލު ކުރައްވާ ކަމަށެވެ.

އެހެންކަމުން އަދި ކާފިއު އުވާލި ނަމަވެސް މަގުމަތީގައި އެއްވެސް ކަހަލަ ޒަރޫރީ ބޭނުމެއް ނެތި ގިނަ ވަގުތު ހޭދަ ނުކުރުމަށާއި ތަންތަނަށް ޖަމާވެ، ހުމެދުމަށް ޑރ. ވަނީ އިސްލްތިމާސް ކުރައްވާފައެވެ.

"އެކަކު ގައިގައި އިންފެކްޝަން ހުންނަންޏާ އަނެކަކުގެ ގަޔަށް އިންފެކްޝަން ދިއުމުގެ ވަރަށް ބޮޑު ޗާންސެއް އޮންނާނެ. އެގޮތަށް ތިމާ އަށް ނޭނގި ހުރެ ތިމާގެ އިންފެކްޝަން އަރައިފި ކަމަށް ވަންޏާ އެ ބޭފުޅަކު ގެ އަށް ވަޑައިގަންނަވާއިރު، ގޭގެ އާއިލާގެ ބޭފުޅުންނަށް ވެސް މި ކަހަލަ ކަމަކާ ގުޅިގެން އިންފެކްޝަން ފެތުރިގެން ގޮސްފާނެ،" ޑރ. އަލީ ލަތީފް ވިދާޅުވި އެވެ.

ކާފިއު އުވާލި ނަމަވެސް، ހުރިހާ ވަގުތުތަކުގައިވެސް މާލެ ސިޓީގައި ތިން މީހުންނަށްވުރެ ގިނަ މީޙުން އެއްވެ އުޅުމަކީވެސް މަނާކަމެއް ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!