ދުނިޔެ

އިންޑިއާގެ އަމިއްލަ ވިޔަފާރިތަކުގެ ހަރަކާތްތައް އޯގަސްޓް މަހު ރެކޯޑު މިންވަރަކަށް އިތުރުވެއްޖެ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އެސް އެންޑް ޕީ ގްލޯބަލްގެ އެޗްއެސްބީސީ ފްލޭޝް އިންޑިއާ ޕީއެމްއައި ރިޕޯޓުން ދައްކާ ގޮތުގައި، 2005 ވަނަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން މިހާތަނަށް ރެކޯޑު ކުރެވުނު އެންމެ މަތީ މިންވަރަކަށް އިންޑިއާގެ އަމިއްލަ ދާއިރާގެ އިގްތިސާދު އޯގަސްޓް މަހު ކުރިއަރައިގެން ގޮސްފައިވެއެވެ. މި ކުރިއެރުން ހާސިލުވެފައިވަނީ ވިޔަފާރީގެ ވިއްކުންތަކާއި އައު އޯޑަރުތައް އިތުރުވުމުގެ ސަބަބުންނެވެ.

Ads by MPL

މެނުފެކްޗަރިންގ އަދި ޚިދުމަތްތަކުގެ މިންގަނޑު ދައްކުވައިދޭ އެޗްއެސްބީސީ ފްލޭޝް އިންޑިއާ ކޮމްޕޮސިޓް އައުޓްޕުޓް އިންޑެކްސް ޖުލައި މަހުގެ 61.1 އިން އޯގަސްޓް މަހު 65.2 އަށް މައްޗަށް ގޮސްފައިވެއެވެ. މި ހަތަރު ޕޮއިންޓުގެ އިތުރުވުމަކީ އަމިއްލަ ދާއިރާގެ ވިޔަފާރި ހަރަކާތްތައް ރެކޯޑު މިންވަރަކަށް އަވަސްވެގެން ދިޔަކަން ދައްކުވައިދޭ އަދަދެކެވެ.

އެޗްއެސްބީސީގެ ޗީފް އިންޑިއާ އިކޮނޮމިސްޓް ޕްރަންޖުލް ބަންޑާރީ ވިދާޅުވި ގޮތުގައި، "ސަރވިސަސް ފްލޭޝް ޕީއެމްއައި ވަނީ މިހާތަނަށް ނުދެކޭ މިންވަރެއްގައި 65.6 އަށް އަރާފައެވެ. މިއީ އެތެރޭގެ އަދި ބޭރުގެ އައު ވިޔަފާރީގެ އޯޑަރުތައް އިތުރުވުމުގެ ސަބަބުންނެވެ. މެނުފެކްޗަރިންގ ފްލޭޝް ޕީއެމްއައި ވެސް ވަނީ އިތުރަށް މައްޗަށް ގޮސް 60 މާކާ ކައިރިވެފައެވެ."

ވަޒީފާގެ ފުރުސަތުތައް ވެސް ވަނީ އިތުރުވެފައެވެ. އޯގަސްޓް މަހަކީ ވޭތުވެދިޔا 15 މަސް ވަންދެން މުވައްޒަފުންގެ އަދަދު އިތުރުވަމުން އައި ދުވަސްވަރެއްގެ ބައެއްކަން ފާހަގަކުރެވެއެވެ. މީގެ އިތުރުން އަގުތަކަށް އައި ބަދަލުތަކާ ގުޅޭގޮތުން ސަރވޭއިން ދައްކާގޮތުގައި އިންޑިއާގެ އަމިއްލަ ދާއިރާގައި އިންފްލޭޝަންގެ ޕްރެޝަރ ވަނީ އިތުރުވެފައެވެ.

މުސާރައާއި ޚާމު މުދަލުގެ އަގުތައް މައްޗަށް ދިއުމުގެ ސަބަބުން އުފެއްދުންތެރިކަމުގެ ޚަރަދުތައް އިތުރުވެފައިވާއިރު، 2013 ވަނަ އަހަރުގެ ފެބްރުއަރީ މަހުން ފެށިގެން މިހާތަނަށް ދެކުނު އެންމެ ބާރު މިނެއްގައި އުފެއްދުންތަކުގެ އަގުތައް ވިޔަފާރިތަކުން ވަނީ މައްޗަށް ޖައްސާފައެވެ. މި އަގުތައް މައްޗަށް ޖެއްސުމަށް މަގުފަހިވެފައިވަނީ ވިޔަފާރިތަކަށް ލިބެމުންދާ ވަރުގަދަ ޑިމާންޑުގެ ސަބަބުންކަމަށް ވިޔަފާރިތަކުން ފާހަގަކޮށްފައިވެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!