ޚަބަރު

ވައިކަރަދޫ އިންޖީނުގެ އެހެންތަނަކަށް ބަދަލުކޮށް މިއަހަރު ގިނަ މަޝްރޫޢުތަކެއް ހިންގަނީ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ހދ. ވައިކަރަދޫގެ ކަރަންޓުގެ ހާލަތު އޮތީ ވަރަށް ދަތިހާލަތުގައިކަމަށާއި، އެކަމަށް މިއަހަރު ޙައްލު ގެނެސްދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ. ރައީސް ވިދާޅުވީ އެއީ ފެނަކައިން މިއަހަރު އެންމެ އިސްކަންދޭނެ މަޝްރޫޢުކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ވައިކަރަދޫގެ ތަރައްޤީއަށް އެކި ދާއިރާތަކުން ކުރަން ހުރި ބައެއް މަޝްރޫޢުތައް ފެށިފައިވާތީ، އެ މަޝްރޫޢުތައް ނިންމުމާއި، އައު މަޝްރޫޢުތައް ފަށައި ހަގީގަތަކަށް ހައްދަވައި ދެއްވުމަށް އިސްކަންދެއްވާކަމަށެވެ.

ރައީސް ވިދާޅުވީ އެރަށު ބަނދަރަށް އިތުރު ބަދަލު ގެނެސް، މިހާރު ހުރި މައްސަލަތައް ހައްލުކުރުމަށް ސޮއިކުރެއްވި އެއްބަސްވުމުގެ ދަށުން، ރައްޔިތުން ބޭނުންވާގޮތަށް ހުރިހާ މައްސަލައެއް ހައްލުކޮށްދެއްވާނެކަމަށެވެ. އަދި އެ މަޝްރޫޢާއެކު ރަށުގައި މޫދަށް އެރޭނެ ތަނެއް ތަރައްޤީކޮށްދެއްވާނެކަމަށާއި، ފަތާ ޓްރެކެއްވެސް ރަށުގައި ޤާއިމްކޮށްދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ.

Ads by MPL

ރައީސް ވިދާޅުވީ، އެރަށުގެ ފުޓްބޯޅަ ދަނޑުގެ މަސައްކަތް ކުރިއަށް ގެންދަންޖެހޭއިރު، ވަރަށް އަަވަސްކޮށް އެ މަޝްރޫޢު ކުރިއަށްގެންގޮސް ހުރިހާކަމެއް ފުރިހަމަކޮށްދެއްވާނެކަމަށެވެ. އަދި މިހާރު ފެށިފައިވާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރު ނިންމައި، ކުޅިވަރުގެ އިތުރު މަޝްރޫޢުތައްކަމުގައިވާ ހޭންޑް ބޯލް ކޯޓު ތަރައްޤީކުރުމާއި އައުޓްޑޯ ޖިމެއްވެސް ތަރައްޤީކުރައްވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މިއީ މިއަހަރު ނިންމާނެ މަޝްރޫޢުތައްކަމަވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ވަނީ ސްކޭޓްޕާކެއް ތަރައްޤީކުރުމަކީވެސް އެމަނިކުފާނުގެ ވަޢުދެއްކަމަށާއި، އެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކުރައްވާފައިވާކަަން ފާހަގަކުރައްވާފައެވެ. އެ މަސައްކަތުގެ ޑިޒައިން ނިންމުމަށް މިހާރު މަސައްކަތްކުރާކަަމަށާއި، އެކަމަށް ބިންވެސް ހަމަޖެހިފައިވާތީ، އަމާޒަކީ އަންނަ މަސް ނިމުމުގެ ކުރިން މަސައްކަތް ފެށްޓެވުންކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ތަޢުލީމީ ދާއިރާގައި ހުރި މައްސަލަތަކުގެ ތެރެއިން 12 ކްލާސް ރޫމް ފަށައި ނުނިމި ހުންނަތާ އެތައް އަހަރެއް ވެފައިވާކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ދެމަސްތެރޭ އެ މަސައްކަތްތައް ނިންމަވައިދެއްވާނެކަމަށެވެ. ސްކޫލަށް ތަރައްޤީއެއް ނާންނަތާ ގިނަ އަހަރުތަކެއްވެފައިވާތީ، ހުއްޓިފައިވާ މަޝްރޫޢު އެއްކޮށް ނިންމައި ދިރާސީ އައު އަހަރު އެތަން ބޭނުންކުރަން ފެށޭވަރުކޮށްދެއްވާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.

"ފުރިހަމަ ޔަޤީންކަން މިދެނީ އެކަން ކުރާނެކަން." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ވައިކަރަދޫއަކީ ދީނަށް ލޯބިކުރާ އަދި ޤުރުއާނަށް ލޯބިކުރާ ތަޢުލީމީ ބަޔަކު އުޅޭރަށެއްކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ޤުރުއާނާ ބެހޭ މަރުކަޒުގެ ގޮތްޕެއް އަންނަ އަހަރުގެ ކުރީކޮޅު އެރަށުގައި ޤާއިމްކޮށްދެއްވާނެކަމަށެވެ.

ވައިކަރަދޫގެ ދަނޑުވެރިންނަށް ދިމާވާ އެންމެ ބޮޑު ދައްޗަކީ މުދާ އުފުލުންކަމަށާއި، މުދާ އުފުލާ ފެރީގެ ރޫޓު އޮތްގޮތުން ގެއްލުންވާތީ، އެރަށަށް ޚާއްޞަކޮށްގެން މުދާފެރީ ހަމަޖައްސަވައި ދެއްވާނެކަމަށެވެ. ވައިކަރަދޫގައި 150އެއްހާ ދަނޑުބިން އޮވެއެވެ.

" މާގިނަ ދުވަސްތަކެއް ނުވެ އެކަން ހަމަޖައްސާނަން. މިހާރު ދިމާވާ ހުރިހާ ލަސްވުމަކުން ގެއްލުމަކުން އަރައިގަތުމަށް ފަސޭހަވާނެ" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ވައިކަރަދޫގެ އިންޖީނުގެ ހުންނަނީ ރައްޔިތުން ދިރިއުޅޭ ސަރަހައްދުގައި ކަމަށްވާތީ، ރައީސް ވަނީ އެކަމުގެ ސަބަބުން ރައްޔިތުންނަށް ވަރަށް ދަތިތަކާ ކުރިމަތިލާންޖެހޭކަމަށް ވިދާޅުވެފައެވެ. އެހެން ރަށްރަށަށްވުރެ ވައިކަރަދޫގެ އެ ޙާލަތު ގޯސްވެފައިވާތީ އެމަޝްރޫޢު މިއަހަރު ތެރޭ ހައްލުކޮށްދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ.

އަންނަ އަހަރަށް ތާވަލުކުރާ ކަންކަމުގެ ތަފްސީލް ހާމަކުރައްވަމުން ރައީސް ވަނީ ޒަމާނީ ރީތި މިސްކިތެއް އަންނަ އަހަރު ބިނާކޮށްދެއްވާނެކަމަށްވެސް ވިދާޅުވެފައެވެ. މީގެ އިތުރުން ސިއްޙީ މަރުކަޒަށް މުވައްޒަފުންނާއި ވަސީލަތް އިތުރުކުރަންޖެހޭތީ އެކަމަށް ސަމާލުކަން ދީގެން، އަންނަ އަހަރުގެ ބަޖެޓުގައި އަޕްގްރޭޑު މަޝްރޫޢު ހިމަނުއްވާނެކަމަށްވެސް ވިދާޅުވިއެވެ.

ބޯހިޔާވަހިކަމަކީވެސް ރަށަށް ބޮޑު މައްސަލައެއްކަމުން، އަންނަ އަހަރު ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫޢުގެ ދަށުން 50 ހައުސިން ޔުނިޓް އަޅުއްވާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ވައިކަރަދޫގައި ކުނި މެނޭޖުކުރުން ހިމެނޭޙެން ރަށުގެ ތަރައްޤީއަށް ކުރަން ހުރި ކަންކަމަށް އިސްކަންދީ އުފާފާގަތިކަން ގެނެސްދެއްވާނެކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.