ހިދުމަތުގެ އަގު އުފުލުމުގައި އެންމެ ބޮޑު ދައުރެއް އަދާކުރަނީ ބޮޑު ކުލި: އަލީ ހުސައިން
މުދަލާއި ހިދުމަތުގެ އަގު އުފުލުމުގައި އެންމެ ބޮޑު ދައުރެއް އަދާކުރަނީ މާލޭގެ ބޮޑު ކުލި ކަމަށް ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ވިދާޅުވެއްޖެ އެވެ.
ކުލީގެ މައްސަލާގައި މީގެ ކުރިންވެސް ކަންބޮޑުވުން ފާޅުކޮށްފައިވާ އަލީ ހުސައިން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މުދަލާއި ޚިދުމަތުގެ އަގު އުފުލުމުގައި އެންބޮޑު ދައުރެއް އަދާކުރަނީ މާލޭގެ ބޮޑުކުލި ކަމަށެވެ. އަދި މުދަލާއި ހިދުމަތުގެ އަގުގެ މައިގަނޑު ބަޔަކީ މާލޭގެ ބޮޑު ކުއްޔަށް އެކި ގޮތްގޮތުން ކުރާ ހަރަދު ކަމަށް ވިދާޅުވިއެވެ.
މަޖިލީހުގެ ބައެއް މެންބަރުންގެ ވިދާޅުވަނީ މާލޭގެ ކުލީގެ މައްސަލަ ހައްލު ކުރުމަކީ ގާނޫނަކުން ކުރެވޭނެ ކަމެއް ނޫނެވެ. ނަމަވެސް މެންބަރު އަލީ ހުސައިން ވިދާޅުވީ ކުލި ކޮންޓްރޯލު ވެސް ކުރެވޭނެ ކަމަށާ އަދި ރެގިޔުލޭޓު ވެސް ކުރެވޭނެ ކަމަށެވެ.
މާލޭގައި މީހުން ދިރިއުޅޭ ތަންތަނުގެ ކުލި ސަރުކާރުން ނުވަތަ މަޖިލީހުން ފާސް ކުރާ ގާނޫނަކުން ކޮންޓްރޯލް ކުރަން އެދި ރައްޔިތުންގެ މަޖިލީހަށް ޕެޓިޝަން ހުށަހެޅުމަށް މާލޭ ޓެނަންޓްސް ޔޫނިއަން (އެމްޓީޔޫ) ގެ ނަމުގައި އުފެއްދި މާލޭގައި ކުއްޔަށް ދިރިއުޅޭ މީހުން ތަމްސީލު ކުރާ ޖަމިއްޔާއިން ދަނީ މަސައްކަތް ކުރަމުންނެވެ. އެ ޕެޓިޝަންގައި ގިނަ ބަޔަކު ދަނީ ސޮއިކުރަމުންނެވެ.