ޚަބަރު

އައްބާސްގެ މާލީ ބަޔާނުގައި ވިޔަފާރީގެ ހިއްސާ ނުލިޔުނީ މެޖޯރިޓީ ހިއްސާއަށް ނުވާތީ

މުޙައްމަދު ޝިޔާމް ، ދެން އޮންލައިން
މަޖިލިހުގެ ޖަލްސާއެއްގައި އައްބާސް ވާހަކަ ދައްކަވަނީ - ފޮޓޯ:މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ އެމްޑީއޭގެ މެމްބަރު މުހައްމަދު އައްބާސްގެ މާލީ ބަޔާނުގައި ވިޔަފާރިތަކުގެ ހިއްސާ ނުލިޔުނީ އެ ވިޔަފާރީގެ މެޖޯރިޓީ ހިއްސާއަށް ނުވާތީ ކަމަށް އޭނާ މިރޭ ވިދާޅުވެއްޖެ އެވެ.

އައްބާސްގެ މާލީ ބަޔާނުގައިވާ ގޮތުން އޭނާއަށް އާމްދަނީގެ ގޮތުގައި ލިބިވަޑައިގަތީ މަޖިލިސް މެންބަރު ކަމުގެ މުސާރައިގެ ގޮތުގައި މުޅި އަހަރު ލިބިވަޑައިގެންނެވި ނުވަ ލައްކައެއްހާ ރުފިޔާ އެކަންޏެވެ.

އަދި ބީއެމްއެލްގައި އޭނާ ދައްކަން ޖެހޭ ދަރަންޏަކަށް މިދިޔަ އަހަރު 111,645 ރުފިޔާ ދައްކަވައި، އެ ލޯނުގެ ބާކީ 737,354 ރުފިޔާވެ އެވެ. އިސްލާމިކް ބޭންކްގައި ވެސް ލޯނެއް އޮތް އިރު އެ ލޯނަށް މިދިޔަ އަހަރު 137,989 ރުފިޔާ ދައްކަވައި ބާކީ އޮތީ 593,352 ރުފިޔާ އެވެ.

ނަމަވެސް އައްބާސްގެ ވިޔަފާރިތައް ހުންނަ ކަން ސޯޝަލް މީޑިއާގައި މީހުން ފާހަގަކުރަން ފެށުމުން މިރޭ އެކްސްގައި ވިދާޅުވީ އޭނާގެ ވިޔަފާރި ކުންފުނިތަކުގައި ހުރި ހިއްސާގެ ވާހަކަތައް ނެތީ އެއްވެސް ކުންފުންޏެއްގައި މެޖޯރިޓީ ހިއްސާ ނެތުމުން ކަމަށެވެ.

ނަމަވެސް ތިން ކުންފުންޏެއްގައި ކޮންމެވެސް ވަރެއްގެ ހިއްސާ އޮތް ކަން ފާހަގަކުރައްވައި އެ ކަން މާލީ ބަޔާނުގައި ހިމަނާފައި ނުވަނީ އެހެން ހިއްސާދާރުންގެ ވެސް މަސްލަހަތު އޮތް ކަމަކަށް ވާތީ ކަމަށެވެ.

ނަމަވެސް އެހެން ހިއްސާދާރުން އެ ކަމަށް އިއުތިރާޒު ނުކުރައްވާ ނަމަ އަދި ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން އޭނާއަށް އަންގައިފިނަމަ އެ ތަފުސީލު ވެސް ދެއްވާނެ ކަމަށް އައްބާސް ވިދާޅުވި އެވެ.

"ކުންފުނިތަކުގެ ދެންތިއްބެވި ހިއްސާދާރުން އިއުތިރާޒް ނުކުރައްވާ ނަމަ މިހާރުން މިހާރަށް އަޅުގަނޑުގެ މާލީ ރިޕޯޓުގައި ކުންފުނިތަކުގެ މައުލޫމާތު ހިމެނުމަށް އަޅުގަނޑު ކުޑަވެސް ޖެހިލުމެއް ނެތްވާހަކަ ދަންނަވަން،" އައްބާސް ވިދާޅުވި އެވެ.