ޚަބަރު

ސަރުކާރުގެ މަގާމަކާ ހަވާލުވާން މަހްލޫފް އެމްޑީޕީން ވަކިވެއްޖެ

މުޙައްމަދު ޝިޔާމް ، ދެން އޮންލައިން
ޔޫތު މިނިސްޓަރު އަޙުމަދު މަހުލޫފު--

ކުރީގެ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު 15 އަހަރު ފަހުން އެމްޑީޕީން މިއަދު ވަކިވެއްޖެ އެވެ.

Ads by STELCO

ޑީއާރުޕީއާއި ޕީޕީއެމްގެ ފަހުން އެމްޑީޕީގައި މަސައްކަތްކުރެއްވުމަށް ފަހު މަހްލޫފް އެ ޕާޓީން ވަކިވެވަޑައިގަތް ކަމުގެ ސިޓީ އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލަށް މިއަދު ފޮނުއްވާފައިވެ އެވެ.

އެ ސިޓީގައި ޕާޓީން ވަކިވި ސަބަބެއް މަހްލޫފް ވިދާޅެއް ނުވެ އެވެ. ޕާޓީގައި ހިދުމަތް ކުރައްވަން ފުރުސަތު ދެއްވުމުންނާއި، ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ގެނެސްދެއްވި ތަރައްގީގެ ބައިވެރިއެއްގެ ގޮތުން ކެބިނެޓުގައި މަސައްކަތް ކުރެއްވުމުން އުފާކުރައްވާ ކަމަށް އެ ސިޓީގައި ވިދާޅުވެފައިވެ އެވެ.

މަހްލޫފް އެމްޑީޕީން ވަކިވާތީ ހިތްހަމަނުޖެހޭ މެންބަރުންގެ ކިބައިން މާފަށް ވެސް އެދިވަޑައިގެންނެވި އެވެ.

މައުލޫމާތު ލިބޭ ގޮތުގައި މަހްލޫފް މި ސަރުކާރުގެ ސްޕޯޓްސް މިނިސްޓްރީގެ މަގާމަކާ ހަވާލުވުމަށް ވަނީ އެއްބަސްވެވަޑައިގެންފަ އެވެ.

މަހްލޫފްގެ ސިޔާސީ ހަޔާތް ފެއްޓެވީ ޑީއާރުޕީންނެވެ. 17 ވަނަ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ ގޮނޑިއަށް މަހްލޫފް އިންތިހާބު ވަނީ ޑީއާރުޕީގެ ޓިކެޓުގަ އެވެ.

ޑީއާރުޕީގެ އެތެރޭގައި އުފެދުނު ހިޔާލުތަފާތުވުންތަކާ ގުޅިގެން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ސަޕޯޓަރުން 2011ގައި ޕީޕީއެމް އުފެއްދުމާއެކު މަހްލޫފް ވެސް ޕީޕީއެމްއާ ގުޅިވަޑައިގެންނެވި އެވެ. 18ވަނަ މަޖިލީހަށް ދެވަނަ ދައުރަކަށް މަހްލޫފް އިންތިހާބު ވަނީ ޕީޕީއެމްގެ ޓިކެޓްގަ އެވެ.

ނަމަވެސް ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި ހިނގި އެކި ކަންކަމާ ހިތްހަމަޖެހިވަޑައިނުގެން މަހްލޫފް ވަނީ އެ ސަރުކާރާ ދެކޮޅަށް ހިނގަމުން ދިޔަ އިދިކޮޅު ފަރާތްތަކުގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގެންފަ އެވެ.

މަހްލޫފް އެމްޑީޕީއާ ގުޅިވަޑައިގަންނަވަނީ 2018ގެ ރިޔާސީ އިންތިހާބަށްފަހު އިންތިގާލީ މަރުހަލާގެ ތެރޭގަ އެވެ.

Ads by HDC