ބިދޭސީ ވަގު ވިޔަފާރި ހުއްޓުވަން ބޮޑު އޮޕަރޭޝަނެއް ފަށައި މާލޭގެ ނުވަ ސަރަހައްދެއް ބަލައިފި

ބިދޭސީން ރާއްޖޭގައި ހިންގާ ވަގު ވިޔަފާރި ހުއްޓުވަން އިމިގްރޭޝަންއިން ބޮޑު އޮޕަރޭޝަނެއް މިއަދު ފަށައިފި އެވެ.
އިމިގްރޭޝަންއިން މިއަދު އެކްސްގައި ބުނީ ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ކުރާ ވިޔަފާރިތައް ހުއްޓުވައި، އެފަދަ ފަރާތްތައް އަނބުރާ އެމީހުންގެ ގައުމުތަކަށް ފޮނުވާލުމާއެކު، ދިވެހި ރައްޔިތުންނަށް ވިޔަފާރިކުރުމަށް ހައްގު ފުރުސަތު ހޯދައިދިނުމުގެ ގޮތުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ހާއްސަ ވައުދުފުޅާ އެއްގޮތަށް، މިއަދު ޓާސްކްފޯސްއިން ހާއްސަ އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.
އެގޮތުން އިމިގްރޭޝަންގެ އޮފިސަރުން ގުރޫޕްތަކަށް ބަހާލައިގެން މިއަދު ކުރިއަށް ގެންދިއަ އެ އޮޕަރޭޝަންގައި މާލޭގެ ނުވަ ސަރަހައްދެއް ބަލައި ފާސްކުރި ކަމަށް ވެސް އިމިގްރޭޝަންއިން ބުންޏެވެ.
ނަމަވެސް އެ އޮޕަރޭޝަންއިން އަތުލައިގަތް ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ އަދަދު އިމިގްރޭޝަންއިން ހާމައެއް ނުކުރެ އެވެ.
ބިދޭސީ ވަގު ވިޔަފާރިތައް ހުއްޓުވަން ބޮޑު އޮޮޕަރޭޝަންއެއް މިއަދު ފެށިއިރު ރާއްޖޭގެ ހުރިހާ ރަށެއްގައި ހާއްސަކޮށް، އާބާދީ ބޮޑެތި ރަށްތަކުގައި ބިދޭސީން ނުގަވާއިދުން ހިންގާ ވިޔަފާރިތައް ހޯދައި، އެ ތަންތަން ވަގުތުން ބަންދުކޮށް، އެ ފަރާތްތައް ޑީޕޯޓްކުރުމުގެ ހާއްސަ އޮޕަރޭޝަނެއް ފަށާނެކަން ރައީސް މުއިއްޒު އިއުލާން ކުރެއްވީ ރޭ ފ. ނިލަންދޫގައި ވާހަކަފުޅު ދައްކަވަމުން ނެވެ.
އިމިގްރޭޝަންއިން މި ސަރުކާރުގެ ވެރިކަމުގައި މީގެ ކުރިންވެސް ގަވައިދާ ހިލާފަށް ބިދޭސީން ކުރާ ވިޔަފާރިތައް ހުއްޓުވަން އޮޕަރޭޝަންތައް ހިންގައި ގިނަ އަދަދެއްގެ ބިދޭސީން އަތުލައިގަނެ ޑީޕޯޓްކޮށްފައި ވެއެވެ.
