ގާނޫނުއަސާސީގައި މިނިވަން މީޑިއާ ކޮމިޝަނެއް ހިމަނަން ޖެހޭ: ފައްޔާޒު

މީޑިއާތައް ރެގިއުލޭޓް ކުރަން އޮންނަ ކޮމިޝަންގެ ބައި ގާނޫނުއަސާސީގައި ހިމަނަން ޖެހޭ ކަމަށް އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް މިރޭ ވިދާޅުވެއްޖެ އެވެ.
ފައްޔާޒުގެ ޓީމުން އިސްވެ ހިންގަވާ 'ރީބޫޓް" ޕްރޮގްރާމް ގައި މި ގޮތަށް ވިދާޅުވީ މީޑިއާ ރެގިއުލޭޓް ކުރަން މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުގެ ނަމުގައި އާ ކޮމިޝަނެއް ހަދައިގެން އުޅެނިކޮށެވެ. އެ ކޮމިޝަނުގެ ތިން މެންބަރަކު މަޖިލީހުން ކަނޑައަޅާނީ އެ ކަމާ ބައެއް ނޫސްވެރިން މުޒާހަރާކޮށްފައި ވެސް ވަނިކޮށެވެ.
ފައްޔާޒު ވިދާޅުވީ މީޑިއާ ރެގިއުލޭޓް ކުރަން އޮންނަން ވާނީ މީޑިއާތަކުގައި މަސައްކަތްކުރާ މީހުންގެ މެދުގައި ނަގާ މިނިވަން ކޮމިޝަނެއް ކަމަށެވެ. އަދި އެ ކޮމިޝަނުގެ ބައި ސީދާ ގާނޫނުއަސާސީގައި ހިމަނަން ޖެހޭ ކަމަށް ވިދާޅުވި އެވެ.
"ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާ މެންބަރަކު އިންނަ ވާކަށް ނުޖެހޭ. މަޖިލީހުން ވެސް އައްޔަންކުރާކަށް ނުޖެހޭ. ހަމަ ރަޖިސްޓްރީކޮށްގެން ހިންގާ ނޫސްމަޖައްލާތަކުން ނިންމާ ގޮތަށް، އެހެން ނަމަވެސް ގާނޫނުއަސާސީން ވެސް އެ ބާރު ލިބިގެން," ފައްޔާޒު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޑިމޮކްރެސީގެ ހަތަރުވަނަ ބާރު ކަމުގައިވާ މީޑިއާތަކުގެ ބާރުވެރިކަމާއި މިނިވަންކަން ގާނޫނުއަސާސީން ލިބިދޭން ޖެހޭ ކަމަށެވެ.
އާ މީޑިއާ ކޮމިޝަނާ މެދު ނުރުހުން ފާޅުކުރާ ނޫސްވެރިން ބުނަމުންދާ ގޮތުގައި ކޮމިޝަންގެ ހަތް މެންބަރުންގެ ތެރެއިން ހަތަރު މެންބަރުން މީޑިއާތަކުން އިންތިހާބުކުރި ނަމަވެސް މަޖިލީހަށް ވަކިކުރެވޭ ގޮތަށް އޮތުމަކީ ވަރަށް ބޮޑު ގޯހެކެވެ. އެ ނޫސްވެރިން ތިބީ މަދަނީ ބަސް ނޭހުމަކަށް ވެސް ދާން ތައްޔާރަށް ކަމަށް ބުނެފައިވެ އެވެ.
މީޑިއާތައް ރެގިއުލޭޓް ކުރަން ކަމަށް ބުނެ މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން އަމަލުކުރަމުންދާ އާ ގާނޫނު އެމްޑީޕީގެ ސަރުކާރެއްގައި އުވާލާނެ ކަމަށް ވެސް ފައްޔާޒު ވިދާޅުވެފައިވެ އެވެ.
