ޚަބަރު

ބޭނުންވަނީ އިހުލާސްތެރިކަމާއެކު ރައްޔިތުންނަށް ހިދުމަތް ކުރަން: ރައީސް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އިހުލާސްތެރިކަމާއެކު ރައްޔިތުންނަށް ހިދުމަތްކޮށްދޭން ބޭނުންފުޅުވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ހަތަރު އަތޮޅެއްގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، މ. މުލަކު ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ އެމަނިކުފާނު ބޭނުންފުޅު ވަނީ ރައްޔިތުންނަށް އިހުލާސްތެރިކަމާއެކު ހިދުމަތް ކުރަން ކަމަށާއި ރައްޔިތުންނަށް މި މަސްއޫލިއްޔަތު ހަވާލުކުރީ އިހުލާސްތެރިކަމާއެކީ ހިދުމަތް ކުރުމަށް ކަމަށެވެ.

"އެހެންވީމަ އަޅުގަނޑު ބޭނުން މާނަހުރި ގޮތެއްގައި ރާއްޖެ ތަރައްގީވެގެންދާން. ދެމެހެއްޓެނިވި ގޮތެއްގައި ތަރައްގީވެގެންދާން. އެކަން ވާނީ ސިކުނޑިތައް ވެސް ތަރައްގީ ވެގެން،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ރާއްޖެއަކީ އެއްބައިވަންތަ ގައުމެއް ކަމަށާއި މިކަން ނެތިކޮށްލަން އެއްވެސް ބަޔަކަށް ފުރުސަތު ދީގެން ނުވާނެ ކަމަށެވެ. އަދި މިކަން ނެތިކޮށްލަން ކުރާ މަސައްކަތް ނޭނގި ވެސް އެތައް ވަރަކަށް ކުރާ ކަމަށާއި އެތައް ދިމާލަކުން އެފަދަ ހަމަލާތައް އަންނަ ކަމަށް ރައީސް ވިދާޅުވި އެވެ. ނަމަވެސް އެފަދަ ބަޔަކަށް ފުރުސަތު ދޭ ބަޔަކަށް ދިވެހިން ވެގެން ނުވާނެ ކަމަށާއި ދިވެހިންނަކީ ގައުމިއްޔަތުގެ ވަރުގަދަ ވިސްނުމުގެ ކުރިއަށްދާ ބަޔަކަށް ވާންޖެހޭ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

މީގެއިތުރުން ރަށްރަށަށް ގެންނަ ތަރައްގީގެ ފޮނި މީރުކަން ވެސް ލިބޭނީ އެގޮތަށް ކުރިއަށް ގޮސްގެން ކަމަށާއި އެހެން ނޫން ނަމަ ކިތަންމެ ތަރައްގީއެއް ގެނަޔަކަށް އޭގެ ބޭނުމެއް ނޯންނާނެ ކަމަށް ރައީސް ވިދާޅުވި އެވެ.