ޚަބަރު

މީޑިއާ ގާނޫނު ހައްގުތަކުގެ މުއާހަދާއާ ހިލާފު: އދ.ގެ ހިއުމަން ރައިޓްސް ޗީފް

މުޙައްމަދު ޝިޔާމް ، ދެން އޮންލައިން

ރާއްޖޭގައި މި ފަހުން ގެނައި މީޑިއާ އެންޑް ބްރޯޑްކާސްޓިން ގާނޫނު, ރާއްޖޭން ބައިވެރިވެފައިވާ މަދަނީ އަދި ސިޔާސީ ހައްގުތަކުގެ މުއާހަދާއާ ހިލާފު ކަމަށް އދ. ގެ އިންސާނީ ހައްގުތަކުގެ އިސް މަންދޫބު ވިދާޅުވެއްޖެ އެވެ.

Ads by STELCO

ޔުނައިޓެޑް ނެޝަންސް (ޔޫއެން) އަދި އެކުވެރި ދައުލަތްތައް (އދ) ގެ ހިއުމަން ރައިޓްސް ޗީފް މިއަދު ނެރުއްވި ބަޔާނެއްގައި ވަނީ އެ ގާނޫނުގައި ބަޔާންކުރާ އުސޫލުތަކުގެ ސަބަބުން މިނިވަން ނޫސްވެރިކަން ކުރުމުގެ މަސައްކަތް ވަރަށް ބޮޑަށް ހަނިވެގެންދާނެ ކަމަށެވެ.

މީގެ އިތުރުން މީޑިއާތަކުގެ ތަހުގީގުތައް ހިންގުމާއި، މީޑިއާތައް ޖޫރިމަނާ ކުރުމާއި، މީޑިއާތަކުފެ ލައިސަންސްތަކާއި ހުއްދަތައް ބާތިލުކުރުމާއި، ބާޠިލުކުރުމުގެ ބާރު މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަނަށް ލިބޭކަން ފާހަގަކޮށްފައިވެ އެވެ.

އަދި އަލަށް ހެދި ގާނޫނުން އުފައްދާ ކޮމިޝަނުން މިދިޔަ އަހަރު ދުވަހުގެ މައްސަލަތައް ބެލޭތީ އެ ކަމުގެ ކަންބޮޑުވުން ވެސް ފާޅުކޮށްފައިވެ އެވެ.

އދ. ގެ ހިއުމަން ރައިޓްސް ޗީފް އިން ނެރުނު ބަޔާނުގައި ބުނީ ތަފާތު ހިޔާލުތަކާއި އެކި ފަންތީގެ ވިސްނުންތަކުގެ މީޑިއާތައް އޮތުމަކީ ޑިމޮކްރެސީ ހަރުދަނާކޮށް ހިންގުމަށް ވަރަށް މުހިންމު ކަމެއް ކަމަށެވެ.

މިވީހާ ދުވަހަކު މީޑިއާތައް ރެގިއުލޭޓް ކުރަމުން ނޫސްވެރިންގެ ތެރެއިން ބަޔަކު އިންތިހާބުކޮށްގެން ހިންގަމުންދިޔަ މީޑިއާ ކައުންސިލުންނެވެ. ޓީވީ ރެގިއުލޭޓް ކުރަމުން ދިޔައީ ބްރޯޑްކާސްޓިން ކޮމިޝަނުންނެވެ.

އާ ގާނޫނާ އެކު އެ ދެ މުއައްސަސާ ވަނީ އުވިފަ އެވެ. އާ ކޮމިޝަނުގެ ހަތް މެންބަރުންގެ ތެރެއިން ތިން މެންބަރުން ކަނޑައަޅަނީ މަޖިލީހުންނެވެ. ކޮމިޝަނުގެ ރައީސް ވެސް ކަނޑައަޅަނީ މަޖިލީހުންނެވެ. މީޑިއާތަކުން އިންތިހާބުކުރާ ހަތަރު މެންބަރުން ވެސް ވަކިކުރުމުގެ ބާރު މަޖިލީހަށް ދީފައިވެ އެވެ.

އާ ގާނޫނާ ދެކޮޅަށް ބައެއް ނޫސްވެރިން ވާހަކަ ދައްކަމުން ދަނީ މި ކަމާ ގުޅުވައިފަ އެވެ. ނޫސްވެރިންގެ ޖަމިއްޔާ، މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ވަނީ މި ގާނޫނު ބަލައިނުގަންނާނެ ކަމަށް ބުނެފަ އެވެ.

Ads by Allied Insurance