ޚަބަރު

ފެނަކަ ސައީދު ހަތަރު އަހަރަށް ޖަލަށް ލާން ހުކުމްކޮށްފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަޙުމަދު ސައީދު

ނިމިގެން ދިޔަ ވެރިކަމުގައި ފެނަކައިގެ މެނޭޖިން ޑިރެކްޓަރުގެ މަގާމު ފުރުއްވި އަހުމަދު ސައީދު  މުހައްމަދު ހަތަރު އަަހަރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

Ads by STELCO

ކްރިމިނަލް ކޯޓުން އޭނާގެ މައްޗަށް އެ ހުކުމް އިއްވީ 2018 އަހަރު ފެނަކަ ކޯޕަރޭޝަން ލިމިޓެޑާއި ބްލޭޒަން އިންކް ޕްރައިވެޓް ލިމިޓެޑާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން ބްލޭޒަން އިންކް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން މަސައްކަތް ފުރިހަމަ ކޮށްފައި ނުވަނީސް އަދި މަސައްކަތް ނިންމިކަން ކަށަވަރުކުރުމެއް ނެތި، އެ މަސައްކަތަށްވާ ފައިސާ ބްލޭޒަން އިންކް ޕްރައިވެޓް ލިމިޓެޑަށް ދޫކޮށް، އެ ކުންފުންޏަށް ނާޖާއިޒު މަންފާ ހޯދާއިދީފައިވާ މައްސަލައަކާ ގުޅިގެން ސައީދަށް އުފުލި ދައުވާއެއްގެ މައްސަލައެކެވެ.

އެ މައްސަލައިގައި ސައީދުގެ މައްޗަށް އުފުލާފައިވަނީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ އެވެ. އެ ކުށުގެ އަސާސީ އަދަބަކީ އެއް އަހަރާއި 7 މަހާއި 6 ދުވަހަށް ޖަލަށްލުމެވެ.

އެހެން ނަމަވެސް އެފަދަ މައްސަލަތަކުގެ ސީރިއަސްކަން ބަޔާންކޮށް އަސާސީ އަދަބުގެ ގެ ގޮތުގައި އެއް އަހަރާއި 7 މަހާއި 6 ދުވަހަށް ޖަލަށް ލުމަކީ މާ ކުޑަ އަދަބެއް ކަމަށް ބަޔާންކޮށް ކްރިމިނަލް ކޯޓުގެ އިސް ގާޒީ އާދަމް މުހައްމަށަށް ލިބޭ އިހުތިޔާރުގެ ދަށުން އޭނާއަށް އިއްވީ ބޮޑު ހުކުމެވެ.

އެގޮތުން އޭނާގެ މ،ައްޗަށް އިއްވީ ހަތަރު އަހަރުގެ ޖަލު ހުކުމެވެ.

މި މައްސަލާގައި ސައީދުގެ އިތުރުން އޭރު އެ ކުންފުނީގެ ޕްރޮކިއުމަންޓް ހެޑް މަރިޔަމް ދީނާގެ މައްޗަށް ވެސް ދައުވާކޮށްފައިވެ އެވެ.

ސައީދުގެ މައްޗަށް ހިޔާނާތުގެ އިތުރު މައްސަލައެއްގައި ވެސް ވަނީ ދައުވާ އުފުލާފަ އެވެ. އެ ދައުވާ އުފުލާފައިވަނީ ލ.މާމެންދޫގައި ކައިޒާން އިންވެސްޓްމަންޓުން ގާއިމުކޮށްފައިވާ އައިސްޕްލާންޓް، އެ ކުންފުންޏަށް ގަތުމުގައި ކޮރަޕްޝަނަށް މަގުފަހިވާގޮތަށް އަމަލުތަކެއް ހިންގާފައިވާކަމަށް ތުހުމަތު ކުރެވޭ ކަމަށް ބުނާ މައްސަލައިގަ އެވެ.