ޚަބަރު

ވިސްނުން ހުރީ ހަތް ޒޯނަކަށް ބަހައިގެން ބިދޭސީންގެ މައްސަލަ ހައްލުކުރަން: އިމިގްރޭޝަން ކޮންޓްރޯލަރު

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
އިމިގްރޭޝަން ކޮންޓްރޯލަރު އަހުމަދު ފަސީހު--

ވިސްނުން ހުރީ ހަތް ޒޯނަކަށް ބަހައިގެން ބިދޭސީންގެ މައްސަލަ ހައްލުކުރަން ކަމަށް އިމިގްރޭޝަން ކޮންޓްރޯލަރު އަހުމަދު ފަސީހު ވިދާޅުވެއްޖެ އެވެ،

Ads by MPL

ފަސީހު އެފަދައިން ވިދާޅުވީ އިމިގްރޭޝަން އިންސައިޓްސްގައި ވާހަކަ ދައްކަވަމުންނެވެ.

އިމިގްރޭޝަނަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ އެންފޯސްމެންޓުގެ ދާއިރާކަން ފާހަގަކުރައްވައި ފަސީހު ވިދާޅުވީ ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ބިދޭސީން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އެހެންކަމުން 7 ޒޯނަކަށް ރާއްޖެ ބަހައިގެން އެންފޯސްމަންޓުގެ މަސައްކަތް ފުޅާ ކުރުމުގެ ވިސްނުން ގެންގުޅުއްވާ ކަން އޭނާ ފާހަގަކުރެއްވި އެވެ.

"މި މަސައްކަތަށް ބޭނުންވާ ވަސީލަތްތައް އަޅުގަނޑަށް ޔަގީން ސަރުކާރުން ފޯރުކޮށްދޭނެކަން. ލޯންޗުފަހަރު ހުރެގެން ރާއްޖޭގެ ދެކުނަށް އަދި އުތުރަށްވެސް ސިސްޓަމެޓިކްކޮށް، ސަސްޓެއިނަބަލްކޮށް މި ޕްރޮގްރާމު ހިންގުމުގެ ވިސްނުން އަޅުގަނޑު އެބަހުރި. އަޅުގަނޑުމެންނަށް މިކަން ހަމަ ވާނެ." ފަސީހު ވިދާޅުވި އެވެ.

ތަންފީޒު ނުވެ ހުރި ކަންކަން ތަންފީޒު ކުރެވެން ފެށުމާއެކު ރާއްޖޭގައި ގަވާއިދާ ހިލާފަށް ނުވަތަ އެއްވެސް ލިޔެކިޔުމެއް ނެތި އުޅެމުން އަންނަ ބިދޭސީން މަދުވާނެ ކަމަށާއި މި މަސައްކަތުގެ މަގްސަދަކީ އާންމު ރައްޔިތުން ކުށްވެރިކުރުން ނޫން ކަަމަށް ކޮންޓްރޯލަރު ވިދާޅުވިއެވެ.

ރާއްޖޭގައި މަސައްކަތް ކުރަން އަންނަ ބިދޭސީން ރާއްޖެ އަންނަނީ ވަރަށް ގިނަ ފައިސާތަކެއް ހަރަދުކޮށްގެންކަން ފާހަގަކުރައްވާ ފަސީހު ވިދާޅުވީ ބިދޭސީ މަސައްކަތްތެރިންނަށް މަދުން ނަމަވެސް ދިވެހިން އިހުމާލުވާ މައްސަލަތައް ފާހަގަވެފައިވާ ކަމަށެވެ.

ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ކުރާ ވިޔަފާރިތައް ހުއްޓުވައި، އެފަދަ ފަރާތްތައް އަނބުރާ އެމީހުންގެ ގައުމުތަކަށް ފޮނުވާލުމުގެ މަސައްކަތް ފަށާފަވާއިރު މި މަސައްކަތަށް ރަށްރަށުގެ ކައުންސިލްތަކުން ދެއްވާ އެއްބާރުލުން ކޮންޓްރޯލަރ ވަނީ ފާހަގަކުރައްވާފައެވެ.

"އެބޭފުޅުން ބައްދަލުކުރައްވަންވެސް ވަޑައިގަންނަވާ. ރަށްރަށުގަ ޤަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ ވާހަކަ ކައުންސިލްތަކުން ދައްކާ. އިރާދަކުރެއްވިއްޔާ މި އަންނަ އަހަރުގެ އައު ބަޖެޓަކާއެކީ އައު އުސްމިންތަކަކަށް ތަންފީޒު ކުރުމުގެ މަރުހަލާގެ ކަންކަން ގެންނާނަން" ފަސީހު ވިދާޅުވި އެވެ.

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަކީ ގިނަދުވަސްވެފައިވާ މައްސަލައެއް ކަމުގައިވީނަމަވެސް، އެކަމަށް ޙައްލެއް ހޯދުމަށް މީގެ ކުރިން މާ ބޮޑެތި މަސައްކަތްތަކެއް ކުރެވިފައިނުވިނަމަވެސް މި ސަރުކާރުން މިހާތަނަށް، ބިދޭސީންގެ ތެރެއިން 178،982 މީހެއްގެ މަޢުލޫމާތު ހޯދައި، ގަވާއިދާ ހިލާފަށް އުޅޭ މީހުންގެ ތެރެއިން 8000އަށް ވުރެ ގިނަ މީހުން މިހާތަނަށް ވަނީ ޑީޕޯޓުކޮށްފައެވެ.