ޚަބަރު

މަންދޫ ފުޓްބޯޅަ ދަނޑު ތަރައްޤީކުރުމުގެ އަމަލީ މަސައްކަތް ފަށައިފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއި ހަވާލުކުރައްވައިގެން ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ އދ. މަންދޫ ފުޓްބޯޅަ ދަނޑު ތަރައްޤީކުރުމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.

މަންދޫ ފުޓްބޯޅަ ދަނޑު ތަރައްޤީކުރުމުގެ އަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ އދ އަތޮޅަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ބުދަ ދުވަހުއެވެ.

މަންދޫ ފުޓްބޯޅަ ދަނޑުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވަޒީރު އަބުދުﷲ ރާފިއުއެވެ.

ރައީސުލްޖުމްހޫރިއްޔާ ޝަރަފުވެރިކޮށްދެއްވި މި ރަސްމިއްޔާތުގައި އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރ ޑީސީޕީ (ރޓ) އަޙުމަދު ސަޢުދީ އާއި މަންދޫ ކައުންސިލް މެންބަރުން އަދި ސަރުކާރުގެ އިދާރާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

މި މަޝްރޫއުގެ ދަށުން ވަށާފާރު ރޭނުމާއި، ސްޓޭޑިއަމްގައި ލައިޓް ހަރުކުރުމާއި ސަބްބޭސް ތައްޔާރުކުރުމާއި، ޓާފް އެޅުމުގެ މަސައްކަތް އެމްޓީސީސީން ކުރިޔަށް ގެންދާނެއެވެ.

މިއީ 11.48 މިލިއަން ރުފިޔާއަށް 210 ދުވަހުގެތެރޭގައި ނިންމުމަށް ސަރުކާރުން އެމްޓީސީސީ އާއި ހަވާލުކޮށްފައިވާ މަޝްރޫއެކެވެ.

އެމްޓީސީސީން ބުނީ މިއީ މަންދޫގެ ޒުވާނުންގެ އުންމީދުތަކާއި ވަރަށް ބޮޑަށް ގުޅިފައިވާ މަޝްރޫއެއް ކަމަށާއި، މި ދަނޑުގެ މަސައްކަތް ނިމުމުން ރަށުގެ ރައްޔިތުންނަށް އިޖުތިމާޢީ ގޮތުން ކުރިއެރުންތައް ލިބި އެއްބައިވަންތަކަށް ދެމެހެއްޓުމަށް މަގުފަހިވެގެންދާނެ ކަމަށެވެ.