ޚަބަރު

އެހެން ފަރާތްތަކަށް ކުއްޔަށް ދޭނަމަ ފްލެޓް އަތުލަނީ

މުޙައްމަދު ޝިޔާމް ، ދެން އޮންލައިން
ފުލުހުންގެ ޕޮލްކޯ ފްލެޓް -

ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން އިމާރާތްކުރި ގެދޮރުވެރިޔާ ސްކީމްގެ 4,000 ފްލެޓްތައް ދޫކުރި ފަރާތްތަކުން އެހެން ފަރާތްތަކަށް ކުއްޔަށް ދޭނަމަ ފްލެޓްތައް އަތުލާނެ ކަން އަންގައިފި އެވެ.

Ads by STELCO

އެއިން ބައެއް ފްލެޓްތައް ކުއްޔަށް ދޫކުރަން ސޯޝަލް މީޑިއާއާއި އައިބޭގައި އިޝްތިހާރު ޖަހާފައި އެބަވެ އެވެ. އެ ގޮތުން ދެ ކޮޓަރިއާއި ތިން ކޮޓަރީގެ ތަންތަން ދޫކުރަން އިޝްތިހާރުކޮށްފައިވަނީ 20,000 ރުފިޔާއާއި 25,000 ރުފިޔާއާ ދެމެދުގެ އަގުތަކުގަ އެވެ.

މި ކަމާ ގުޅިގެން އެފްޑީސީގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް އެކްސްގައި ލިއުއްވީ އިޖްތިމާއީ ބޯހިޔާވަހިކަމުގެ މަޝްރޫއެއްގެ ދަށުން ދޫކުރަމުންދާ މި ފްލެޓްތަކަކީ އެ ކަމަށް އެންމެ ބޮޑަށް ބޭނުންޖެހިފައިވާ ފަރާތްތަކަށް އިސްކަން ދީގެން ދޫކުރަމުންދާ ފްލެޓްތަކެއް ކަމަށެވެ.

"އެއްބަސްވުމާ ޚިލާފަށް ފުލެޓު ކުއްޔަށް ދޭ ނަމަ، ފްލެޓު ކުއްޔަށް ދޭ ފަރާތްތައް ހޯދާ އެއްބަސްވުމުގައިވާ ގޮތުގެ މަތިން އެ ފަރާތްތަކާއި އެކު ހެދިފައިވާ އެއްބަސްވުން ބާޠިލްކޮށް ފްލެޓް އަތުލެވޭނެ ވާހަކަ ދަންނަވަން," ހަމްދާން ލިއުއްވާފައިވެ އެވެ.

މި ފްލެޓްތައް ކުއްޔަށް ދޫކުރަން އިޝްތިހާރުކޮށްފައި ހުރީ ފްލެޓް ކުއްޔަށް ދައްކަން ޖެހޭ އަގަށްވުރެ ދެގުނަ ބޮޑުކޮށެވެ.

ފަހި ދިރިއުޅުން ކޯޕަރޭޝަނަށް ދައްކަން ޖެހޭ ކުއްޔަކީ:

  • ދެ ކޮޓަރީގެ އެޕާޓްމެންޓަކަށް މަހު ކުއްޔަށް 7،000 ރުފިޔާ އަދި މެއިންޓެނެންސްއަށް މަހަކު 1،000 ރުފިޔާ؛ ޑައުންޕޭމެންޓަށް 15،000 ރުފިޔާ
  • ތިން ކޮޓަރީގެ އެޕާޓްމެންޓަކަށް މަހު ކުއްޔަށް 9،000 ރުފިޔާ އަދި މެއިންޓެނެންސްއަށް މަހަކު 1،500 ރުފިޔާ؛ ޑައުންޕޭމެންޓަށް 25،000 ރުފިޔާ

Ads by Allied Insurance