ފުލުހުން ހިފަހައްޓާފައި އޮތް ފޯނަކުން މައުލޫމާތެއް ލީކެއް ނުވާނެ

ފުލުހުންގެ ބެލުމުގެ ދަށުގައި އޮތް ފޯނަކުން ފޮޓޯއެއް ލީކުވެފައިވާ ކަމަށް ދެކެވޭ ވާހަކަތައް އެ އިދާރާއިން ދޮގުކޮށްފި އެވެ.
ފުލުހުން މިހެން ބުނެފައިވަނީ އެމްޑީޕީގެ މެންބަރު އައިޝަތު ޝިމަންގެ ފޯނު ހިފެހެއްޓި ފަހުން އެ ފޯނުން ފޮޓޯއެއް ސޯޝަލް މީޑިއާއަށް ލީކުވެފައިވާ ކަމަށް ދެކެވޭ ވާހަކަތަކާ ގުޅިގެންނެވެ.
އެކަމާ ގުޅިގެން ފުލުހުން ބުނީ އެ އިދާރާގެ ބެލުމުގެ ދަށަށް ގެނެވޭ ހެކި، ޑިޖިޓަލް ވަސީލަތްތައް ހިމެނޭހެން، ބެލެހެއްޓުމުގައި ބައިނަލްއަގްވާމީ މިންގަނޑުތަކާއި އެއްގޮތްވާ ހަރުދަނާ އުސޫލުތަކެއް ގާއިމްކުރެވިފައިވާ ކަމަށެވެ. މި އުސޫލުގެ ދަށުން، އެ ތަކެއްޗާއި އޭގައި ހިމެނޭ މައުލޫމާތުގެ ރައްކާތެރިކަން ފުރިހަމައަށް ކަށަވަރު ކުރެވިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
"އެހެންކަމުން، ދިވެހި ފުލުހުންގެ ހިދުމަތުގެ ބެލުމުގެ ދަށުގައިވާ އެއްވެސް މޯބައިލް ފޯޯނަކުން މައުލޫމާތު ލީކް ވުމުގެ ފުރުސަތެއް ނޯންނާނެ،". ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެ ހިދުމަތުގެ ތަހުގީގުތައް ކުރިއަށް ގެންދަނީ ޕްރޮފެޝަނަލްކަމާއެކު ގާނޫނީ ހަމަތަކުގެ މަތިން، ހެކީގެ ރައްކާތެރިކަން ކަށަވަރުކޮށްގެން ކަމަށެވެ. އަދި އެ ހިދުމަތުގެ މަސައްކަތުގައި އިންސާނީ ހައްގުތަކަށް އިހްތިރާމްކުރުމާއި، ޕްރޮފެޝަނަލް މިންގަނޑުތައް ހިފެހެއްޓުމަކީ އަބަދުވެސް އިސްކަން ދެވޭ ކަންކަން ކަމަށްވެސް ފުލުހުން ބުންޏެވެ.
