ގައިދީންގެ ފަރާތުން ޖަލު އޮފިސަރުންނަށް އަނިޔާ ލިބޭ: މުނާޒު
ޖަލުގައި ތިބޭ ގައިދީންގެ ފަރާތުން ޖަލު ބަލަހައްޓާ ކަރެކްޝަންސްގެ އޮފިސަރުންނަށް އަނިޔާ ލިބެމުން ދާ ކަމަށް ކޮމިޝަނަރ އޮފް ޕްރިޒަން އަބްދުﷲ މުނާޒު ވިދާޅުވެއްޖެއެވެ.
މާފުށި ޖަލުގައި ގައިދީންނާއި އޮފިސަރުންތަކާއި މެދު ހަމަނުޖެހުން ހިންގާފައި މުނާޒު ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޖަލުތަކުގައި ބަންދު ކުރެވޭ މީހުންގެ ފަރާތުން ކަރެކްޝަންސްގެ އޮފިސަރުންނަށް އެކިއެކި ގޯނާ ކުރަމުން ގެންދާ ކަމަށެވެ.
އޭނާ ވިދާޅުވީ އެކަން ކުރާ މީހުންނަށް ހެޔޮ ވިސްނައިދީ އިސްލާހުކޮށް ރެހިބިލިޓޭޓުކޮށް މުޖުތަމައުއަށް ބޭނުންތެރި ބައެއްގެ ގޮތުގައި ޖަލުން ނެރެ އާއިލާތަކަށް އުފާވެރިކަން ގެނެސްދިނުމަކީ ކަރެކްޝަންސް މުވައްޒަފުންގެ އަމާޒު ކަމަށެވެ.
ކަރެކްޝަންސް މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް އަޅަންޖެހޭ ގާނޫނީ ފިޔަވަޅުތައް ވެސް ކެތްތެރިކަމާއި އެކު އަޅަމުން ގެންދާނެ ކަމަށް މުނާޒު ވިދާޅުވިއެވެ.
މާފުށީ ޖަލުގައި ހަމަނުޖެހުމެއް ހިނގައި، ޖަލު އޮފިސަރުންގެ ގަޔަށް ލޮނުމިރުސް ފެން ޖަހާ ހަމަނުޖެހުން އިއްޔެ ވަނީ ހިނގާފައެވެ. މި ހަމަނުޖެހުން ހިނގާފައި ވަނީ އިއްޔެ ހެނދުނުގެ ވަގުތެއްގައެވެ.
އެނގިފައިވާ ގޮތުގައި މި ހަމަނުޖެހުން ހިނގީ ޝަރީއަތް ނިމެންދެން ބަންދުގައި ހުރިމީހަކު، އޭނާ ބަހައްޓާފައި ހުރި ގޮޅިން ބޭސް ދިނުމަށް ނެރުނު ވަގުތުއެވެ. އަދި އޭނާ ޖަލު އޮފިސަރެއްގެ ގައިގައި ޖެހި ކަމަށް ބުނެ ޖަލު އޮފިސަރަކު އޭނާ އަށް ހަމަލާދީފައިވާ ކަމަށްވެސް އެނގިފައިވެއެވެ. މައްސަލަ ހޫނުވީ އޮފިސަރު ގައިދީ ގައިގައި ޖެހުމުން ކަމަށްވެސް އެނގިފައިވެއެވެ.
މާފުށި ޖަލުގެ މި ހަމަނުޖެހުންތަކާއި ގުޅިގެން ކަރެޝްޝަންސްގެ ބަހެއް ލިބޭ ގޮތް ވަނީ ނުވެފައެވެ.