ޚަބަރު

ލޯތްބާއެކު: 60 ޑޮލަރު ސަދަގާތްކޮށްގެން ނިކަމެތި އާއިލާއެއްގެ ރޯދަމަހުގެ ކޮއްތު ހަމަޖައްސައިދެވިދާނެ!

ދެން އެމްވީ ، ދެން އޮންލައިން

އިންސާނީއެހީ ބޭނުންވާ ފަރާތްތަކަށް އެހީ ފޯރުކޮށްދިނުމުގެ މަޤުޞަދުގައި މަސައްކަތްކުރަމުންގެންދާ ރާއްޖޭގެ ޖަމާޢަތެއްކަމަށްވާ އިންޓަނޭޝަނަލް އެއިޑް ކެމްޕޭން(އައިއޭސީ)ގެ ސިލްސިލާ ޕްރޮޖެކްޓް ''ލޯތްބާއެކު''މިއަހަރަށް އިފްތިތާޙްކޮށްފިއެވެ.

Ads by STELCO

އައިއޭސީއިން މައުލޫމާތު ދީފައިވާ ގޮތުގައި މިއަހަރުގެ ''ލޯތްބާއެކު'' ޚާއްޞަކޮށްފައިވަނީ މިހާރު ކުރިމަތިވެފައިވާ ކޮވިޑް19ގެ ބަލިމަޑުކަމުގައި ޙާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީވުމަށް ކަމަށެވެ. އެގޮތުން ދުނިޔޭގެ ހަ މުޖުތަމަޢަކަށް ކެއިންބުއިމުގެ އެހީ އެހީ ދިނުމަށް ނިންމާފައިވާއިރު މިއަހަރު ސާފުތާހިރުވުމުގެ ސާމާނުވެސް ހަދިޔާކުރާނެ ކަމަށް އެޖަމްއިއްޔާއިން މައުލޫމާތު ދީފައިވެއެވެ. ''ލޯތްބާއެކު'' މިއަހަރު އެހީދޭ މުޖުތަމަޢުތަކަކީ ޔުގެންޑާ، ނޭޕާލް،ފަލަސްތީން،ސީރިޔާ ، ޔަމަންގެ އިތުރުން ބަނގުލަދޭޝްއާއި މެލޭޝިޔާގައި ތިބި ރޮހިންގްޔާ މުސްލިމުންނެވެ.

އައިއޭސީން ބުނެފައިވަނީ މިއަހަރުގެ ހަދިޔާ ޕެކޭޖްގެ އަގަކީ 60 ޔޫއެސް ޑޮލަރު ނުވަތަ އެއަދަދަށްވާ ދިވެހި ފައިސާ ކަމަށެވެ. މިއަދަދުން އެއްއާއިލާއަށް އެއްމަހުގެ ކޮއްތާއި ސާފުތާހިރުކަމުގެ ސާމާނު ފޯރުކޮށްދެވޭނެ ކަމަށާއި އެކަމަށް އެހީތެރިވެދިނުމަށް އެޖަމްއިއްޔާއިން އެދިފައިވެއެވެ.

''އެބޭފުޅަކަށް ދެވުނު މިންވަރެއް ދީގެން މީގައި ބައިވެރިވުން މުހިންމީ ، އަޅުގަނޑުމެންނަށް ވިސްނޭ މި ދުވަސްވަރަކީ ކޮންމެ ބޭފުޅަކަށްވެސް ދަތިވާނެ ދުވަސްވަރެއްކަން ، އެހެން ނަމަވެސް ދުނިޔޭގެ އެކިކަންކޮޅުތަކުގައި ހާލުގައި ޖެހިފައި ތިބި މީހުންނަށް ވިސްނާލައިފިނަމަ (ވަރަށް ދަތި ޙާލުގައި ދިރިއުޅޭ މީހުން އެބައުޅޭ)'' އައިއޭސީގެ އިސް އޮފިޝަލް އިޤްބާލް ބުންޏެވެ.

އައިއޭސީގެ ލޯތްބާއެކު ޕްރޮޖެކްޓަކީ 2018 ވަނަ އަހަރު ޣައްޒާއަށް ޚާއްޞަކޮށް އެޖަމްޢިއްޔާއިން ފެށި ޕްރޮޖްކެޓެކެވެ. ''ލޯތްބާއެކު''1439 ވަނައަހަރުގެ ރޯދަމަހަށް ޚާއްޞަކޮށް ޣައްޒާގެ ލޮބުވެތި އަޚުންނާއި އުޚުތުންނަށް ކެއިންބުއިމުގެ ސާމާނު އެޖަމްޢިއްޔާއިން ފޯރުކޮށްދިންއިރު މިދިޔަ އަހަރުގެ ރޯދަމަހު އެ ޖަމްޢިއްޔާއިން ވަނީ ޣައްޒާގެ އިތުރުން އެހެން ސަރަޙައްދުތަކަކަށް ވެސް އެހީތެރިކަން ފޯރުކޮށްދީފައެވެ.

އައިއޭސީން ވަނީ ކުރިމަތިވެފައިވާ ކޮވިޑް19 އާއި ގުޅިގެންވެސް ފަލަސްތީނަށް އެހީތެރިކަން ފޯރުކޮށްދީފައެވެ. އެގޮތުން ފަލަސްތީނުގައި ކަރަންޓީނަށް ގެންދާ މީހުން އިތުރުވެ ސުކޫލުތަކުގައި ކަރަންޓީނު ކުރަން ޖެހުމާއެކު އެފަރާތްތަކަށް އެނދާއި ގޮދަޑި ފަދަ ތަކެތި ހަދިޔާކޮށްފައިވެއެވެ. އަދި ރާއްޖޭގެ އައިޖީއެމް ހޮސްޕިޓަލާއި އާންމުންނަށްވެސް ސެނިޓައިޒާ ހަދިޔާކޮށްފައިވެއެވެ.

ލޯތްބާއެކު ޕްރޮޖެކްޓާއި ގުޅިގެން އިތުރު މައުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކަށް އެ ޖަމްޢިއްޔާގެ ފޯން ނަމްބަރު 9122121 އާއި ގުޅުއްވުމުން ނުވަތަ އެ ޖަމްޢިއްޔާގެ ފޭސްބުކް ޕޭޖާއި މީސްމީޑިއާގެ އެކި މަންސަތަކުން އެއިންތިޒާމް ހަމަޖެހިގެންދާނެ ކަމަށް އައިއޭސީން ބުނެފައިވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!