ޚަބަރު

އިގުތިސާދީ ތަރައްގީއަށް ރާއްޖޭގައި އަސްކަރީ ވަރުގަދަ ބާރެއް އޮންނަން ޖެހޭ: ރައީސް

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
އެމްއެންޑީއެފްއިން ގައުމުގައި ތަރައްގީކުރި ވައިގެ ހިދުމަތްދޭ ސްޓޭޝަން ހުޅުވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ރައީސް މުއިއްޒު-- ފޮޓޯ/ ރައީސް އޮފީސް

އިގުތިސާދީ ތަރައްގީއަށް ރާއްޖޭގައި އަސްކަރީ ވަރުގަދަ ބާރެއް އޮންނަން ޖެހޭކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

Ads by STELCO

އެމްއެންޑީއެފްއިން ގައުމުގައި ތަރައްގީކުރި ވައިގެ ހިދުމަތްދޭ ސްޓޭޝަން ހުޅުވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ރައީސް މުއިއްޒު ވިދާޅުވީ އެ ސްޓޭޝަންގެ އިތުރުން ށ. އަތޮޅު ފުނަދޫގައި ހަދަމުން ސްޓޭޝަންގެ މަސައްކަތް ވެސް ބާރު ދުވެލީގައި މިހާރު ކުރިއަށްދާ ކަމަށެވެ.

އޭގެ އިތުރުން ރާއްޖޭގެ ވައިގެ ބާރާއި ކަނޑުގެ ބާރަށް ވެސް ބޭނުންވާ އިތުރު ވަސީލަތްތައް ހޯދައިދިނުމަށް މިހާރު ސަރުކާރުން މަސައްކަތް ފަށާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

އަދި ސިފައިންގެ އިންސާނީ ތަރައްގީއަށް ވެސް ކޮށްދޭން ޖެހޭ މަސައްކަތްތައް ކުރުމަށް މަސައްކަތް ފަށައި އަންނަ އަހަރު ކަންކަން ބަޖެޓުކުރެވިފައިވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އެއިން ކޮންމެ ކަމަކުން ވެސް ދިވެހި ރައްޔިތުންނާއި ގައުމަށް ނުހަނު ފައިދާވާނެ ކަންކަން ކަމަށެވެ.

"އިގުތިސާދީ ގޮތުން މި ގައުމަކީ ރެސިލިއަންޓް ތަރައްގީ ހާސިލުކުރެވޭ ވަރުގަދަ ގައުމަކަށް ވެގެން ދިއުމުގައި ވެސް ވަރުގަދަ މިލިޓަރީ ބާރެއް މި ގައުމުގައި އޮތުމަކީ ކޮންމެހެން ލާޒިމުކަމެއް" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ގައުމަށް ބޮޑެތި އިންވެސްޓްމަންޓްތައް ވެސް އަންނާނީ އެ ގައުމަކީ ރައްކާތެރި ތަނެއްގެ ގޮތުގައި އިންވެސްޓަރުންނަށް ގަބޫލުކުރެވޭނަމަ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ،

"އަޅުގަނޑުމެންގެ ކެޕޭސިޓީ، ކޭޕަބިލިޓީ އެ މަގުން ގާއިމުކުރެވިފައިވާނަމަ ކުރެވޭ ވަރު އިތުރުވާ މިންވަރަކަށް މި ގައުމުގެ އިގުތިސާދުވެސް ދާނީ ކުރިއަށް. އިގުތިސާދަށް އިންވެސްޓް ކުރާނެ ފަރާތްތައް ވެސް އަންނާނީ އިތުރުވަމުން" ރައީސް ވިދާޅުވި އެވެ.

Ads by HDC