ކުރީ ސަރުކާރުން ފުނިޖައްސާފައި ހުރި ބިލުތަކަށް 444 މިލިއަން ދޫކޮށްފި
މިދިޔަ އެމްޑީޕީ ސަރުކާރުން ކުންފުނިތަކަށް ދޭން ޖެހޭ ފައިސާގެ ތެރެއިން، ނުދައްކާ ކުރި 444 މިލިއަން ރުފިޔާ މިހާތަނަށް ދޫކޮށްފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ކުންފުނިތަކަށް ދައްކަން ޖެހޭ ފައިސާ، ފަސް ހަފުތާތެރޭގައި ދައްކާ ނިންމާލާނެ ކަމަށް މިދިޔަ މަހުގެ ދެވަނަ ދުވަހު ރައީސް ވިދާޅުވެފައިވެ އެވެ.
ޕީއެންސީގެ ބޮޑު ޖަލްސާގައި ރޭ ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ އެ މުއްދަތު މިމަހުގެ ހަވަނަ ދުވަހު ހަމަވިއިރު، އެ ފައިސާ ދޫކުރުން ކުރިއަށް ދާ ކަމަށެވެ.
ރައީސް ވިދާޅުވީ ރެޔާ ޖެހެންދެން 1040 ފަރާތަކަށް ނުދީ ހުރި ފައިސާ ދީފައިވާ ކަމަށެވެ. އެ ފަރާތްތަކަށް ނުދީ ހުރި ޕެންޑިން ބިލުތަކަށް 444.3 މިލިއަން ރުފިޔާ ދޫކޮށްފައިވާކަން ފާހަގަކުރެއްވި އެވެ.
އެމަނިކުފާނު އިތުރަށް ވިދާޅުވީ ކޮންޓްރެކްޓަރުންނަށް ނުދީ ހުރި ފައިސާ ދޫކުރުމުގެ މަސައްކަތް ކޮންމެ ދުވަހަކުވެސް ކުރިއަށް ދާނެ ކަމަށާއި، އެގޮތަށް ގޮސް، ފައިސާ ދޭންޖެހޭ ހުރިހާ ފަރާތްތަކަށް ފައިސާ ދީ ނިންމައިލާނެ ކަމަށެވެ.
"މިދިޔަ ސަރުކާރުން އެކި މަސައްކަތް ކުރުވާފައި، އޮޅުވާލާފައި އެކި ފަރާތްތަކަށް ދެރަ ދީފައި ހުރި ބިލުތައް އެއީ،" ރައީސް ވިދާޅުވި އެވެ.

