ރައުދަށް އިއްވީ 27 ދުވަހުގެ ޖަލު ހުކުމެއް؛ ތަންފީޒު ކުރާނެ ދުވަހެއް ނެތް
ހ. ފެންޓެނޯއީގޭ މަތިން ގުދަނެއްގެ ފުރާޅު މައްޗަށް ހައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލައިގައި ދައުވާ ކޮށްފައިވާ ރައުދު އަހުމަދު ޒިލާލް 27 ދުވަހަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމް ކޮށްފިއެވެ.
ފެންޓެނޯއީ ގޭގެ ނުވަވަނަ ފަންގިފިލާއިން ހ. މިޓާޒްގޭ ފުރާޅު މައްޗަށް ޔުމްނު ވެއްޓުނު ހާދިސާއާ ގުޅިގެން ރައުދުގެ މައްޗަށް އުފުލައިފައި ވަނީ އެހީއަށް ބޭނުންވެފައިވާ މީހާއަށް އެކަށީގެންވާ ސަބަބެއް ނެތި، އެހީތެރިކަން ފޯރުކޮށް ނުދިނުމުގެ ކުށުގެ ދައުވާއެވެ.
އެ ދައުވާ އުފުލީ، ޔުމްނު ވެއްޓުނުކަން އެނގި ހުރެ، އޭނާއަށް އެހީތެރިކަން ފޯރުކޮށްދީފައި ނުވާތީއާއި އެހީތެރިކަން ހޯދުމަށް މަސައްކަތް ކޮށްފައި ވެސް ނުވާތީއެވެ.
މި މައްސަލައިގެ އިބްތިދާއީ މަރުހަލާގައި ރައުދު ވަނީ ކުށަށް އިއުތިރާފްވެފައެވެ. އެހެންވެ މިއަދު ބޭއްވި އަވަސްނިޔާގެ އަޑުއެހުމުގައި ވެސް އޭނާ ވަނީ ކުށަށް އިއުތިރާފްވެފައެވެ.
ރައުދު ކުށަށް އިއުތިރާފްވެފައި ވާތީ، އޭނާގެ މައްޗަށް އުފުލާފައި ދައުވާގެ ކުށުގެ އަދަބުން އެއް ދަރަޖަ ވަނީ ކުޑަކޮށްފައެވެ. އެހެންކަމުން އޭނާގެ މައްޗަށް އިއްވައިފައި ވަނީ 27 ދުވަހުގެ އަދަބެކެވެ. ނަމަވެސް ތަހުގީގު މަރުހަލާގައި އެ މުއްދަތު ބަންދުގައި ހޭދަކޮށްފައިވާތީ، ދެން އިތުރަށް ތަންފީޒު ކުރާނެ އަދަބެއް ނެތް ކަމަށް އޭނާގެ މައްޗަށް އިއްވި ހުކުމުގައި ވަނީ ފާހަގަކޮށްފައެވެ.
މި މައްސަލައިގައި ރައުދު ހައްޔަރު ކުރީ ހާދިސާ ހިނގިތާ ހަ ދުވަސް ފަހުން، އޭޕްރީލް މަހުގެ 25ވަނަ ދުވަހުއެވެ. ބަންދުން ދޫކޮށްލީ މޭމަހުގެ 26 ވަނަ ދުވަހުއެވެ.

