ހަތިޔާރު ތޫނުކޮށްގެން ނިކުމެ ސަރުކާރު ވައްޓާލަން ގޮވާލުމުން ލަތީފަށް ފާޑު ކިޔުން
ހަތިޔާރު ތޫނުކޮށްގެން ސަރުކާރު ވައްޓާލަން ދިއްދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުލް ލަތީފް މުހައްމަދު ވިދާޅުވުމުން އޭނާ އަށް ފާޑު ކިޔުން އަމާޒުވާން ފަށައިފި އެވެ.
ކުރީގެ ރައީސް ޔާމީންގެ ދިފާއުގައި ލަތީފް މިހާރު ހަރަކާތްތެރިވާއިރު އޭނާއަކީ ޔާމީންގެ ވެރިކަން ނިންމުމަށް އޭރު އުފެދުނު އިދިކޮޅު އިއްތިހާދުގައި އިސްކޮށް މަސައްކަތް ކުރި އެއް މެމްބަރެވެ.
ޔާމީން މިނިވަން ކުރުމަށް ގޮވާލައި، އިދިކޮޅުން ބާއްވަމުން އަންނަ ޖަލްސާ ސިލްްސިލާގެ ޖަލްސާއެއްގައި ވާހަކަ ދައްކަމުން ލަތީފް ވަނީ މިސަރުކާރު ނިމުމަކަށް ގެންނަ ވަގުތު ޖެހިއްޖެ ކަމަށާއި ދެން އެބޭފުޅުން ވެސް މަޑުން ނުތިބޭނެ ކަމަށް ބުނެފައެވެ.
އަދި، ހަތިޔާރުތައް ތޫނުކޮށްގެން ސަރުކާރު ވައްޓާލަން ނިކުންނާނެ ކަމަށާއި، ނަމަވެސް ސަރުކާރު ވައްޓާލާނީ ގާނޫނީ އިމުގެ ތެރެއިން ކަމަށް ވެސް އޭނާ ބުނެފައިވެއެވެ.
ބައެއް ފަރާތްތަކުން ވަނީ ގާނޫނީ އިމުގެ ތެރެއިން ސަރުކާރު ވައްޓާލަން ނިކުންނަ ބަޔަކު ހަތިޔާރު ތޫނު ކުރަނީ ކީއްވެތޯ ބުނެ ލަތީފަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. އަދި އޭނާގެ މިވާހަކަތަކަކީ ތަހުގީގުކޮށް ފިޔަވަޅު އަޅަން ޖެހޭ ވާހަކަތައް ކަމަށް ބުނެ ފުލުހުންގެ ސަމާލު ކަމަށްވެސް އެވާހަކަތައް ވަނީ ގެނެސްފައެވެ.