ކުޅުދުއްފުށިން މަސްތުވާތަކެއްޗާ އެކު މީހަކު ހައްޔަރުކޮށްފި
ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސްއަށް ހިއްސާކުރެވުނު މައުލޫމާތަކާ ގުޅިގެން، ހދ.ކުޅުދުއްފުށި ސިޓީގައި ފުލުހުން ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާ އެކު މީހަކު ހައްޔަރުކޮށްފިއެވެ.
މި އޮޕަރޭޝަން ހިންގައިފައިވަނީ މި ޑިސެމްބަރު މަހުގެ 1ވަނަ ދުވަހު ކުޅުދުއްފުށި ސިޓީ ޕޮލިސް ޑިޕާޓްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެންނެވެ. މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ 39 އަހަރުގެ އިބްރާހީމް ޝުކޫރު (ހދ.ކުޅުދުއްފުށި / ފަރެސް) އެވެ.
މަސްތުވާތަކެތި ބޭނުންކުރުމާއި، ގެންގުޅުމުގެ އިތުރުން އެތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި އޭނާ ހައްޔަރުކޮށް، އޭނާ ދިރިއުޅޭ ތަން ބަލައިފާސްކުރުމުގެ ތެރޭގައި، މަސްތުވާތަކެތިކަމަށް ޤަބޫލުކުރެވޭ އެއްޗެއް ހުރި ބޮޑު ރަބަރުކޮޅަކާއި، ހަތަރު ކުޑަ ރަބަރު ޕެކެޓު ވަނީ ފެނިފައެވެ. މި ތަކެތީގެ ވަގުތީ ބަރުދަނަކީ ޖުމްލަ 9 ގުރާމެވެ.
މި މައްސަލައާ ގުޅިގެން އިބްރާހީމް ޝުކޫރުގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމަށް ފަހު، އޭނާ 10 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ. މިހާރު ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންނެވެ.

