ޚަބަރު

މައްސަލަތައް ތަހުގީގުކުރާ އޮފިސަރާ ސީދާ މުއާމަލާތް ކުރެވޭނެ ނިޒާމެއް ގާއިމްކޮށްފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން

މައްސަލަތައް ތަހުގީގުކުރާ އޮފިސަރާ ސީދާ މުއާމަލާތް ކުރެވޭނެ ނިޒާމެއް ދިވެހި ފުލުހުންގެ ހިދުމަތުން ގާއިމްކޮށްފިއެވެ.

Ads by STELCO

އެ ހިދުމަތް ތައާރަފްކުރީ ފުލުހުންގެ ހިދުމަތުގެ އާ ޕްރޮޑަކްޓްތަކާއި ހިދުމަތްތައް އިފްތިތާޙްކުރުމަށް މިއަދު ހެނދުނު އިސްކަންދަރު ބިލްޑިންގައި ބޭއްވި "ޑިޖިޓަލް ޑޭޓާ އެންޑް ޓެކްނޮލޮޖީ ކަނެކްޓް 2025" އިވެންޓުގައެވެ.

އެ އިވެންޓްގައި ވަނީ އިތުރު ގިނަ ފީޗާސްތަކާ އެކު ޕޮލިސް އެޕްލިކޭޝަން އިފްތިތާހުކޮށްފައެވެ.

ޕޮލިސް އެޕްލިކޭޝަންގެ ފީޗާސްތަކަށް ބަލާއިރު އެންމެ ހާއްސަ ފީޗާއަކީ ހިދުމަތަށް ހުށަހެޅޭ މައްސަލަތަކުގެ އަދާހަމަ ހޯދުމަށް ޓަކައި މައްސަލަ ބަލާ ތަހުގީގު އޮފިސަރަށް ސީދާ މުއާމަލާތް ކުރެވޭނެ ނިޒާމެވެ.

އެޕްލިކޭޝަން ހިމެނޭ އެހެން ފީޗާސްތަކުގެ ތެރޭގައި ސްކޭމް ޗެކްކުރެވުމާއި އެޕްލިކޭޝަން މެދުވެރިކޮށް ޕޮލިސް ސެޓްފިކެޓަށް އެދުމާއި މައްސަލަ ރިޕޯޓްކުރުމާއި އެވިޑެންސް ސަބްމިޝަން، އަވައްޓެރި ފުލުހުންނާ ގުޅޭނެ ނަންބަރުތަކާއި ޕޮލިސް ސެޓްފިކެޓް ވެރިފިކޭޝަން، ކޭސް އަޕްޑޭޓްސް، ލޮސްޓް އެންޑް ފައުންޑް ފަދަ ފީޗާސްތަކެވެ.

މިއަދު އިފްތިތާހުކުރެވުނު ސައިބާ ޕޯޓަލްއަކީ މުޖުތަމައުގައި ހިނގާ ސައިބަރ ކުށްތައް ދެނެގަނެ އެކަމުން މުޖުތަމައު ރައްކާތެރިކުރުމަށް ފުލުހުން ކުރާ މަސައްކަތްތަކަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެ ޑިޖިޓަލް ޕްލެޓްފޯމެކެވެ.

އެ ޕްލެޓްފޯމް މެދުވެރިކޮށް ފުލުހުންނަށް ރިޕޯޓްކުރެވިފައިވާ ސްކޭމްއާ ގުޅޭގޮތުން ދައުރުވާ ލިންކުތަކާއި މެސެޖްތަކާއި ފޯނު ނަންބަރުތަކާއި އީމެއިލް އެޑްރެސްތައް ސާޗް ވެސް ކުރެވޭނެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!