ޚަބަރު

އެމްޑީޕީގެ ޗެއާޕާސަން އިންތިހާބު ފަސްކޮށްފި

ޢާއިޝަތު އިމާޝާ ، ދެން އޮންލައިން
ސަލްޓަން ޕާކުގައި އެމްޑީޕީން މީގެކުރިން ބޭއްވި ޖަލްސާއެއް / ފޮޓޯ:ދެން އިމޭޖްސް

އިދިކޮޅު އެމްޑީޕީއަށް ދާއިމީ ޗެއާޕާސަންއެއް ހޮވުމަށް ބާއްވާ އިންތިހާބު ފަސްކުރަން، އެޕާޓީގެ ގައުމީ މަޖިލީހުން ރޭ ނިންމައިފިއެވެ.

Ads by MPL

އެމްޑީޕީގެ ޗެއާޕާސަންގެ މަގާމުގައި ހުންނެވި ފައްޔާޒް އިސްމާއިލް މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެން ވަގުތީ ގޮތުން އެ މަގާމާ ހަވާލުވާނެ ބޭފުޅަކު ހޮވުމަށް ރޭ ވަނީ ގައުމީ މަޖިލީހުގެ އެއްވުމެއް ބާއްވައިފައެވެ. ރޭގެ ޖަލްސާގައި އެމަގާމަށް އިންތިހާބު ކުރީ ހަނިމާދޫ ދާއިރާގެ މަޖިލިސް މެންބަރު އަބްދުއްގަފޫރު މޫސާއެވެ.

އެ ޖަލްސާގައި، ދާއިމީ ޗެއާޕާސަން ހޮވުމަށް ނަގާ ވޯޓު، ލޯކަލް ކައުންސިލް އިންތިހާބުގެ ފަހުން ނަގަން ހުށަހެޅުއްވީ ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ސަލީމެވެ.

އޭނާ ހުށަހަޅުއްވައިފައި ވަނީ ކައުންސިލް އިންތިހާބުގެ ރަސްމީ ހަތް ދުވަސް ފަހުން ޗެއާޕާސަން އިންތިހާބު އޮންނާނެ ދުވަހެއް އިއުލާނު ކުރުމަށެވެ. އެ ހުށަހެޅުން ފާސްވެފައި ވަނީ ބައްދަލުވުމުގައި ބައިވެރިވި 58 މެންބަރުންގެ ވޯޓުންނެވެ.

އެމްޑީޕީ ހިންގުމުގެ އެންމެ އިސް މަގާމު ހުސްވީ ރިޔާސީ ޓިކެޓުގެ ވާދަވެރިކަން ބޮޑުވެގެން ގޮސް ހަމަހަމަކަމުގެ ފުރުސަތު ދޭން ވެގެން ކަމަށް ވިދާޅުވެ، އެ މަގާމުގައި ހުންނެވި ފައްޔާޒު މަގާމުން އިސްތިއުފާ ދެއްވުމުންނެވެ.

އެމްޑީޕީގެ މިދިޔަ ސަރުކާރުގެ އެންމެ ނުފޫޒު ގަދަ މިނިސްޓަރަކަށް ހުންނެވި ފައްޔާޒު ވެސް ރިޔާސީ ޓިކެޓަށް ޝައުގުވެރިކަން ފާޅުކުރައްވައިފައި ވެއެވެ. ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެސް އިތުރު ދައުރަށް ވާދަކުރައްވަން ބޭނުންވާކަމަށް ވާއިރު އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވެސް ގެންދަވަނީ ޕާޓީގެ އެތެރޭގައި ކެމްޕެއިން ކުރައްވަމުންނެވެ.

ފައްޔާޒު މަގާމުން އިސްތިއުފާ ދެއްވައިގެން މީގެ ކުރިން ވެސް ވަގުތީ ޗެއާޕާސަނެއް ކަނޑައަޅަން ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބޭއްވި ނަމަވެސް ފައްޔާޒުގެ ފެކްޝަނާއި ސޯލިހުގެ ފެކްޝަންގެ ކޯޅުން ބޮޑުވެގެން ގޮސް އެ ޖަލްސާ ކުރިއަކަށް ނުގެންދެވުނެވެ.

Ads by Ooredoo