ޚަބަރު

ނަސްރުﷲ ގެއްލުނު ހާދިސާގައި އަނިޔާވި ލޯންޗް ކެޕްޓަަނުގެ ހާލު ސީރިއަސް

މިދިޔަ ބުރާސްފަތި ދުވަހު ލޯންޗަކާއި ޑިންގީއެއް ޖެހި ހިނގި ހާދިސާގައި ލޯންޗު ދުއްވަން ހުރި ކެޕްޓަނަށް އައިޖީއެމްއެޗް އައިސީޔޫގައި ފަރުވާ ދޭން ފަށައިފިއެވެ.

ފުލުހުން ބުނީ ކައްޕިގެ މޫނުގެ ކަށިގަނޑެއް ބިނދި، ލޯ ވަރަށް ބޮޑަށް ދުޅަވެފައިވާ ކަމަށެވެ. އޭނާ މާލެ ގެނައީ ދަރަވަންދޫ ހޮސްޕިޓަލްގައި ފަރުވާ ދިނުމަށް ފަހު އެވެ.

ލޯންޗުގެ ފަޅުވެރިއަކަށް ހުރި ބިދޭސީމީހާ އަށް ވެސް ކުދި އަނިޔާތައް ލިބިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނިގޮތުގައި ޑިންގީގައި ތިބި އަނެއް ދެ މީހުންނަށް ވެސް އެކި ވަރުގެ އަނިޔާވި އެވެ. ނަސްރުﷲގެ އިތުރުން ޑިންގީން ދަތުރުކުރީ އޭނާގެ އަންހެނުންގެ ދެ ބޭބެ ކަމަށްވާ އަބްދުއް ސަމީއު އާއި ދަރަވަންދޫ ކައުންސިލްގެ ޒިންމާދާރުވެރިޔާ މުހައްމަދު ނަޒީފެވެ.

ބ. ދޮންފަނު ކައިރީގައި، އެ އެކްސިޑެންޓު ހިނގީ ދަރަވަންދޫން މަހަށް ނުކުތް ޑިންގީ އާއި އެ އަތޮޅު އޭދަފުށިން ދަރަވަންދު އަށް ދަތުރުކުރި ލޯންޗު ޖެހިގެންނެވެ. ޑިންގީގައި ތިބި ތިން މީހުންގެ ތެރެއިން ބ. އޭދަފުށީ، މުސްތަރީގޭ ނަސްރުﷲ އަބްދުﷲ 41، ވަނީ ކަނޑަށް ވެއްޓި ގެއްލިފަ އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!