ސިނާއަތުގައި ހުރި ގޮންޖެހުންތައް ޙައްލު ކުރުމަށް ފަހަތަކަށް ނުޖެހޭނަން: ޝިޔާމް
މަސްވެރިކަމުގެ ސިނާއަތުގައި ހުރި ޒަމާންވީ ގޮންޖެހުންތައް ޙައްލުކުރުމަށް ޓަކައި އެންމެ ފިޔަވަޅެއް ވެސް ފަހަތަށް ނުޖެހޭނެ ކަމަށް މިނިސްޓަރު ޝިޔާމް ވިދާޅުވެއްޖެއެވެ.
މަސްވެރިންގެ ދުވަހާ ގުޅުވައިގެން ބޭއްވި ފޯރަމްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، މަސްވެރިކަމުގެ ސިޔާސަތުތައް ކަނޑައެޅުމުގައި މަސްވެރިންގެ ޚިޔާލާއި މަޝްވަރާ ހޯދުމަށް ސަރުކާރުން އިސްކަން ދެއްވާ ކަމަށެވެ.
މިނިސްޓަރު ޝިޔާމް ވިދާޅުވީ، ކޮންމެ އަހަރެއްގެ ވެސް މަސްވެރިންގެ ދުވަހަކީ މަސްވެރިންނާ ސީދާ ބައްދަލުކޮށް، އެމީހުންގެ ޚިޔާލާއި މަޝްވަރާ ހޯދައި، މަސްވެރިކަން ތަރައްޤީ ކުރުމަށް މުހިންމު ދައުރެއް އަދާކުރާ ސައްލާކުރެވޭ ޖަލްސާއެއް ކަމަށާ މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު ރައީސުލްޖުމްހޫރިއްޔާ ދެއްވި ބޮޑު އިރުޝާދަކީ، މަސްވެރިންގެ އަޑު ވީހާވެސް ގާތުން އަހާ، އަދި އަހަރަކު ދެ ފަހަރު މަދުވެގެން މަސްވެރިންނާ ބައްދަލުކުރެވޭނެ އިންތިޒާމެއް ހަމަޖެއްސެވުން ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވައުދުފުޅުތަކުގައި ވެސް މިކަންތައްތައް ހިމެނޭކަން ފާހަގަކުރައްވައި ޝިޔާމް ވިދާޅުވީ، ކަޅުބިލަމަހުގެ މަސްވެރިކަމަށް ހުރި ގޮންޖެހުންތައް މިފްކޯއާއި ސަރުކާރު މެދުވެރިކޮށް ޙައްލުކުރަމުންދާއިރު، ކަންނެލި މަސްވެރިކަމުގައި ހުރި ގޮންޖެހުންތައް ވެސް ބަލަމުންދާ ކަމަށެވެ.
މި ބައްދަލުވުންތަކަކީ ހަމައެކަނި މަސްވެރިންނާ އެކު ބާއްވާ ބައްދަލުވުންތަކެއް ނޫން ކަމަށާ މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ކުންފުނިތަކާއި، އަދި ހަރަކާތްތެރިވާ އެހެން ހުރިހާ ފަރާތްތަކާ އެކީގައި ވެސް ބައްދަލުވުންތައް ބާއްވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިފްކޯގެ ހާލަތަށް އަލިއަޅުވާލައްވަމުން ޝިޔާމް ވިދާޅުވީ، މަސްވެރިން އެންމެ ބޮޑަށް ބަރޯސާވާ ކުންފުނި ކަމަށްވާ މިފްކޯގެ ހިންގުން ހަރުދަނާކޮށް، މަސްވެރިން އަތުން މަސް ގަތުމުގެ އޮޕަރޭޝަންތައް ރަނގަޅު ކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށެވެ. މިފްކޯގެ ސީއީއޯ ބްރިގޭޑިއަރ ޖެނެރަލް ރިޓަޔަރޑް ފަރުޙަތު ޝަހީރު ވެސް މި މަސައްކަތުގައި އިސްކޮށް ހުންނަވައިގެން ގިނަ ގޮންޖެހުންތައް ޙައްލުކުރައްވަމުން ގެންދަވާ ކަމަށް މިނިސްޓަރު ޝިޔާމް ފާހަގަކުރެއްވިއެވެ.
މި ބައްދަލުވުންތަކުން ލިބޭ ޚިޔާލު މަޝްވަރާތަކަކީ ސަރުކާރުގެ ސިޔާސަތުގެ ތެރެއިން ތަންފީޒުކުރެވޭ ކަންތައްތައް ކަމަށްވާ ނަމަ، އެ ކަންތައްތައް ތަންފީޒުކުރުމަށް ޓަކައި ކުރަންޖެހޭ ހުރިހައި މަސައްކަތެއް ސަރުކާރުން ކުރަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.


ކުރިޔަށް ނުދެވެންޔާ، ފަހަތަށް ނުދާކަން ވެސް ދެން ރަގަޅުތާ