ޚަބަރު

ބެންކޮކްގައި އުޅޭ ދިވެހިންނަށް ތަކެތި ފޮނުވުމުގެ ފުރުސަތު ހުޅުވާލައިފި

ދެން އެމްވީ ، ދެން އޮންލައިން

މޯލްޑިވިއަންގެ ކާގޯ ފްލައިޓްގައި ބެންކޮކްގައި ތިބި ދިވެހި ޢާއިލާތަކަށް ބޭނުންވާ ތަކެތި ހިލޭ ފޮނުވައިދިނުމަށް ހުޅުވާލައިފިއެވެ.

Ads by MWSC

ފޮރިން މިނިސްޓްރީން ބުނީ ކޯވިޑް-19އާ ގުޅިގެން ބެންކޮކްގައި ދިރިއުޅޭ ދިވެހިންނަށް ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ބައެއްތަކެތި ހޯދުމަށް ދަތިތަކެއް ކުރިމަތިވެފައިވާތީ މިފަދަ ފަރާތްތަކަށް ސަރުކާރުން އެހީތެރިކަން ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާކަމަށެވެ.

މިހަފްތާގެ ބުރާސްފަތި ދުވަހު މޯލްޑިވިއަނުން ބެންކޮކަށް ދަތުރުކުރުމަށް ހަމަޖެހިފައިވާ ކާގޯ ފްލައިޓުގައި މިތަކެތި ހިލޭ ފޯނުވުމަށް ހަމަޖެހިފައިވާކަމަށާ، ބެންކޮކްގައި ދިރިއުޅޭ ދިވެހިންނަށް ތަކެތި ފޮނުވުމަށް ބޭނުންވާ ފަރާތްތަކުން ފޮރިން މިނިސްޓްރީގެ ވެބްސައިޓް މެދުވެރިކޮށް ފޯމު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާކަމަށް އެމިނިސްޓްރީން ބުނެއެވެ.

ތަކެތި ބަލައިގަތުމަށް ހަމަޖެހިފައިވަނީ 15 އޭޕްރީލް ވާ ބުދަދުވަހުގެ ހެނދުނު 09:00 އިން މެންދުރު 15:00 އަށް ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގެ ޑިޕާރޗަރ ހޯލް ކައިރީގައި ބަހައްޓާފައިވާ ޚާއްސަ ކައުންޓަރު ތަކުންނެވެ.

ކެއަރ ޕެކޭޖްގެ ގޮތުގައި މިތަންތަނަށް ފޮނުވޭނީ އެ ޤައުމުގައި މިވަގުތު ލިބެންނެތް ބޭހެއް ނުވަތަ އެހެނިހެންވެސް ޒަރޫރީ ކަމެއްގައި ފޮނުވާތަކެތިކަމަށާ، ކޮންމެ ޢާއިލާއަކަށްވެސް ގިނަވެގެން ފޮނުވޭނީ 15 ކިލޯގެ ތަކެތިކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.

ކާގޯގެ ގޮތުގައި ފޮނުވުމަށް މިނިސްޓްރީން ހުއްދަދީފައިވާ ތަކެތީގެ ތެރޭގައި، ޑަކްޓަރީ ބޭސް، މަސް ދަޅު ކޭސް، ނޫޑްލްސް ކޭސް، މިފްކޯ ނުވަތަ އެންޒީ އޮރިޖިނަލް ޕެކިންގައި ހުރި ރިހާކުރު ފުޅި ހިމެނެއެވެ. އަދި މަސް ޕެކެޓާއި، ފަތް ޕެކެޓާއި، ފިހާރަތަކުން ވިއްކާ ޕެކެޓްކޮށް ބަންދުކޮށްފައިވާ ކާބޯތަކެތިވެސް ފޮނުވޭނެކަމަށް އެ މިނިސްޓްރީން ބުނެފައިވެއެވެ.

މީގެ އިތުރުން ކާގޯގެ ގޮތުގައި ކާޑުގެ ބާވަތްތަކާއި، ސިނގިރޭޓާއި ދުންފަތުގެ ބާވަތްތަކާއި، ހެދިކާއާއި ތައްޔާރީ ކާނާ އާއި މޭވާއާއި ތަރުކާރީގެ އިތުރުން ފައިސާ ނުފޮނުވޭނެކަމަށްވެސް ފޮރިން މިނިސްޓްރީން ބުނެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!