ލައިފްސްޓައިލް

ގޭގައި ހުރެ ވެސް ފޭޝަލް މަސާޖު ކޮށްލެވޭނެ ގޮތް މި އޮތީ!

ކޮވިޑް19އާއެކު ގޭގައި މަޑުކުރަން ޖެހުމުން ގިނަ އަންހެންވެރިން އެންމެ ދެރަވީ ސެލޫން އަށް ނުދެވޭތީއެވެ. މޫނުގެ ހަންގަނޑަށް އެންމެ އެކަށޭނެ ފަރުވާ ނުދެވި ހަންގަނޑު ހަލާކުވެދާނެ ކަމުގެ ބިރުވެސް ގިނަ އަންހެނުުންނަށް ވަނީ ހީވެފައެވެ. ނަމަވެސް މިއޮތީ ސެލޫން އަށް ނުގޮސް ގޭގައި ހުރެގެން ވެސް ފޭޝަލް މަސާޖެއް ކޮށްލެވޭނެ ފަސޭހަގޮތެކެވެ.

މި މަސާޖް ކުރަން ފެށުމުގެ ކުރިން މޫނުގައި މޭކަޕް ހާކާފައިވާނަމަ ފުރަތަމަ ކަމަކަށް އެ ސާފު ކުރުމަށްފަހު މޫނު ގައި މޮއިސްޗަރައިޒިން ކްރީމް އެއް ހާކާށެވެ. މި މަސާޖް ރަނގަޅީ ކޮންމެ ދުވަހަކު ކުރުމެވެ.

އެއަށްފަހު މަސާޖް ކުރަން ބޭނުން ކުރާ ތެޔޮ ނުވަތަ މޮއިސްޗަރައިޒިން ލޯޝަން އަތަށް އެޅުމަށްފަހު ދެ އަތުގައި އުނގުޅާލާށެވެ. އަދި ކަރުގަޔާއި މޫނުގައި ދިގަށްވާ ގޮތަށް ހާކާށެވެ. މިގޮތަށް ހާކާއިރު ހާކާނީ މޫނުގެ ތިރިން ފެށިގެން މައްޗަށެވެ. ދެން ލޯ ކައިރީ ވަރަށް މަޑުމަޑުން ވަށްކޮށް ހާކާށެވެ. ލޯ ކައިރި ހަމަކީ އެންމެ ނާޒުކު ހަންކަމުން ލޯ ކައިރި މަސާޖް ކުރަން ބޭނުން ކުރާނީ ކަށި އިނގިއްޔެވެ.

ކަރުން މައްޗަށްވާ ގޮތަށް މަޑުމަޑުން ފަހަރަކު އަތަކުން މަސާޖް ކުރާށެވެ. މިގޮތަށް މުޅި ކަރު މަސާޖު ކުރާށެވެ. ވައަތު ކަންފަތް ކައިރިން ފަށައިގެން ކަނައަތު ކަންފަތް ކައިރި އާއި ހަމައަށެވެ. ދެ އަތުގެވެސް ޝަހާދަތް އިނގިލި އަދި މެދު އިނގިލި ބޭނުން ކޮށްގެން، ދަތްދޮޅިން ކަންފަތާ ދިމާލަށް ވާ ގޮތަށް ގެންދާށެވެ.

ދެން ހުރިހާ އިނގިލިތައް އެއްކޮށްލުމަށްފަހު ދެ އަތުން ނޭފަތުގެ މަތީ ކަރިން ދެ އަރި މައްޗަށް ފިތާލާށެވެ. ދެތިން ސިކުންތު މި ގޮތަށް ފިތާލައިގެން ހުރުމަށްފަހު ދޫކޮށްލާށެވެ. އަދި އަނެއްކާވެސް ހަމަ އެގޮތަށް ފިތާލާށެވެ.
އެއަށްފަހު މަޑު މަޑުން ދެ އަތް މޫނުގެ ދެ ފަރާތަށް، ކޮލާ ވީކޮޅަށް ގެންދާށެވެ. ނިންމާނީ ކަންފަތް ކައިރިއަށެވެ. ކުޑަވައި އިނގިލިން ކަންފަތް ކައިރީ ހުންނަ ޕްރެޝަރ ޕޮއިންޓަށް ފިތާލާށެވެ. މިހެން ވެސް ދެތިން ސިކުންތު ފިތާލައިގެން ހުންނަންވާނެއެވެ.

ލޯ މަރާލުމަށްފަހު ދެއަތް އެއްކޮށް މޫނުމަތީގައިގައި ބާއްވާލާށެވެ. އަދި ސިކުންތެއް ވަންދެން ޕްރެޝަރ ވާނެހެން ފިތާލުމަށްފަހު ބާރު ދޫކޮށްލާށެވެ.

އެންމެ ފަހު ކަމަކަށް ކަނާއަތުން ވައަތު ކަރަށް ވާންވާ ގޮތަށް މަޑުމަޑުން މަސާޖް ކޮށްލާށެވެ. އަދި ހަމަ މިހެން ވައަތުން ކަނާއަތު ކަރުގައި މަސާޖް ކޮށްލާށެވެ.

މި މަސާޖަކީ ހަންގަނޑު އޮމާންކޮށް އުޖާލާ ކޮށްދިނުމަށް އެހީވެދޭނެ މަސާޖެކެވެ. ހަމައެހެންމެ ކަރަންޓީނު ދުވަސްވަރު ދިމާވާ އެކި އެކި ސްޓްރެސް ތަކުން ސަލާމަތްވުމަށް ވެސް އެހީވެދޭނެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!