ޚަބަރު

ބަންދުގައި ވަޒީފާއަށް ނެރުނު މުވައްޒަފުންނަށް އިތުރުގަޑީގެ ފައިސާ ލިބޭނެ: ފިނޭންސް

ދެން އެމްވީ

ކޮވިޑް-19އާ ގުޅިގެން ސަރުކާރުގެ އޮފީސްތައް ބަންދު ކުރި ނަމަވެސް ކޮންމެހެން ދޭންޖެހޭ ޚިދުމަތް ދިނުމަށް ވަޒީފާއަށާއި، އިތުރުގަޑީގައި ނެރުނު މުވައްޒަފުންނަށް އެފައިސާ ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ފިނޭންސް މިނިސްޓްރީން ވުޒާރާތަކަށް އަންގަވައިފިއެވެ.

ފިނޭންސް މިނިސްޓްރީން ބުނީ ކޮވިޑް-19އާ ގުޅިގެން މުސާރައިގެ އިތުރުން އިތުރުގަޑީގެ ފައިސާ ހަމަޖެއްސުމަށް ނިންމާފައިވާ މުވައްޒަފުންގެ ތެރޭގައި ހިމެނެނީ އޮފީސްތައް ނުހުޅުވާ ހުންނަ މުއްދަތުގެ ތެރޭގައި މެދުކެނޑުމެއްނެތި ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ކަނޑައަޅާފައިވާ ޚިދުމަތްތައް ދިނުމަށް މަސައްކަތަށް ނެރުއްވާ މުވައްޒަފުނާއި، "ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު"ގައި، ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު ކަނޑައަޅުއްވާ ފިޔަވަޅުތައް އެޅުއްވުމަށްޓަކައި، ދައުލަތުގެ އިދާރާތަކުން ކުރަންޖެހޭ ކަންތައްތައް ކުރުމަށް މަސައްކަތަށް ނެރުއްވާ މުވައްޒަފުންގެ އިތުރުން ދައުލަތުގެ އިދާރާއަކުން ކޮންމެހެން ދޭންޖެހޭ ޚިދުމަތެއް ދިނުމަށްޓަކައި، އެ އިދާރާއެއްގެ އެންމެ އިސްވެރިއަކު ކަނޑައަޅުއްވާ ގޮތެއްގެ މަތިން މަސައްކަތްކުރުމަށް އޮފީހަށް ނެރުއްވާ މުވައްޒަފުން ކަމަށެވެ.

ކޮވިޑް-19 އާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ދައުލަތުގެ އޮފީސްތައް ނުހުޅުވާ ގޮތަށް ހަމަޖެއްސެވުމާ ގުޅިގެން، އެ މުއްދަތުގައި މުވައްޒަފުންނަށް އިތުރުގަޑީ އެލަވަންސާއި ބަންދު ދުވަސްތަކުގެ އިނާޔަތް ދިނުމުގައި ދައުލަތުގެ އެންމެހާ އޮފީސްތަކުން އަމަލުކުރާނެ ގޮތްތަކެއް ފިނޭންސް މިނިސްޓްރީން ވަނީ އާންމު ކުރައްވާފައެވެ.

އެގޮތުން ޞިއްޙީ ޚާއްޞަ ހާލަތަކާ ގުޅިގެން، ކޮވިޑް-19 ފެތުރުން ކުޑަކުރުމަށްޓަކައި ސަރުކާރުގެ އޮފީސްތައް ބަންދުކޮށްފައިވާ ދުވަސްތަކަކީ ސަރުކާރު ބަންދު ދުވަސްތަކުގެ ތެރޭގައި ނުހިމެނޭ ދުވަސްތަކެއް ކަމުގައި ވަނީ ބަޔާންކުރައްވާފައެވެ. އެހެންކަމުން އިތުރުގަޑީގެ ފައިސާ ދިނުމުގައި ބަންދު ދުވަސްތައް ކަމަށް ބަލާނީ ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާ ޤައުމީ ބަންދު ދުވަސްތަކާއި ސަރުކާރުގެ ބަންދު ދުވަސްތައް ކަމުގައި ފިނޭސް މިނިސްޓްރީން ވަނީ ކަނޑައަޅުއްވާފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!