ޚަބަރު

ގައުމަށް އެނބުރި އަންނަ މީހުންގެ ސަބަބުން ބަލި ފެތުރުމުގެ ފުރުސަތު ބޮޑު!

ގައުމުން ބޭރުގައި އުޅޭ މީހުން އެކި ސަބަބުތަކާހުރެ އެނބުރި ގައުމަށް އައުމަކީ ކޮވިޑް-19 ފެތުރުމުގެ ފުރުސަތު ބޮޑުވާ ކަމެއް ކަމަށް ވޯލްްޑު ބޭންކުން ބުނެފިއެވެ.

އަހަރަކު ދެ ފަހަރު ވޯލްޑް ބޭންކުން ނެރޭ ސަރަޙައްދީ ރިޕޯޓުގައި ބުނީ ދެކުނު އޭޝިޔާގެ ޤައުމުތަކަކީ އެންމެ ބައިބޯ އަދި ތޮށްޖެހިފައިވާ ސަރަޙައްދުތައްކަމަށެވެ. އަދި ދެކުނު އޭޝިޔާގެ ޤައުމުތަކަކީ އެއް ގެއެއްގައި ގިނަ ޢަދަދެއްގެ މީހުން ދިރިއުޅޭ ޤައުމުތަކެއްކަމަށް އެރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

ވޯލްޑު ބޭންކުން ބުނީ ބަލިމަޑުކަމުގެ އަސަރު ކުރިން ކޮށްފައިނުވާ ސަރަޙައްދުތަކަށް ރަށުން ބޭރުގައި މަސައްކަތް ކުރުމަށްފަހު އެނބުރި އަންނަ މީހުންގެ ފަރާތުން ބަލި ފެތުރުމުގެ ބިރު އެބަ އޮތްކަމަށެވެ.

މިހާރު ހަދަމުންދާ ދިރާސާއެއްގެ ފުރަތަަމަ ނަތީޖާތައް ދައްކާގޮތުގައި އިންޑިޔާގައި އެގޮތަށް މީހުން އަނބުރާ އަންނަ ބައެއް ސަރަޙައްދުތަކުއި މިހާރުވެސް ކޮވިޑް-19 ފެތުރިފައިވުން އެކަށީގެންވާކަމަށް އެބޭންކުން ބުނެއެވެ.

އެ ބޭންކުން ބުނީ ތޮށްޖެހުމުގެ މައްސަލައަކީ އިގްތިސާދީ ސަރަޙައްދުތަކުގައި ބޮޑު މައްސަލައެއްކަމުން ދެކުނު އޭޝިޔާގެ ޤައުމުތަކުގައި ހަލުވިކަމާއެކު ކޮވިޑް-19 ފެތުރުނަ ނުދިނުމަށް ގިނަ ގޮންޖެހުންތަކެއް އެބަހުރި ކަމަށެވެ. އަދި އޭގެ އަސަރު އެންމެ ބޮޑަށް ކުރާނީ ގެދޮރު ނެތް މީހުންނަށާއި އެޤައުމުތަކަށް ހިޖުރަކޮށްފައިވާ ބިދޭސީ މަސައްކަތްތެރިންނަށްކަމަށް އެބޭންކުން ބުނެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!