ދުނިޔެ

ކޮވިޑް19: ފުރާނަ ސަލާމަތްކޮށްދިން ނަރުހުންނަށް ބޮޑު ވަޒީރު ބޮރިސް ގެ ތައުރީފު

ދެން އެމްވީ ، ދެން އޮންލައިން

ކޮވިޑް19 ގެ ޝިކާރައަކަށްވި އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަން 7 ދުވަހު ހޮސްޕިޓަލުގައި އޮންނެވިއިރު ހިދުމަތުގައި ތިއްބެވި ދެ ނަރުހުންނަށް އެމަނިކުފާނު ޝުކުރު އަދާކުރައްވައިފިއެވެ.

Ads by Sosun Fihaara

ބޮރިސް ގެ ހާލަތު ގޯސްވެ ތިން ދުވަހު އައިސީޔޫ ގައި ވެސް އޮންނެވިއެވެ. ނަމަވެސް ހާލު ރަނގަޅުވެ މިހާރުވަނީ ހޮސްޕިޓަލުން ދޫކޮށްލާފައެވެ.

އާދިއްތަ ދުވަހު އާންމުކޮށްފައިވާ ވީޑިއޯ އެއްގައި ވާހަކަފުޅު ދައްކަވަމުން ބޮރިސް ވިދާޅުވި ގޮތުގައި އޭނާގެ ފުރާނަ ސަލާމަތްކޮށްދިނީ ހޮސްޕިޓަލުގައި މަސައްކަތް ކުރާ ސިއްހީ ހިދުމަތްތެރިން ކަމަށާއި އެކަމުގައި އެއްވެސް ޝައްކެއް ނުވަތަ ސުވާލެއް ވެސް ނެތްކަމުގައެވެ.

މި ވީޑިއޯގައި ބޮރިސް ވަނީ އިތުރު ދެ ނަރުހަކަށް ހާއްސަ ޝުކުރެއް ވެސް ދަންނަވާފައެވެ. އެއީ ނިއުޒިލޭންޑަށް ނިސްބަތްވާ ޖެނީ އާއި ޕޯޗުގަލް ގެ ލޫއިސް އެވެ. ބޮރިސް ވިދާޅުވިގޮތުގައި އެ ދެ ނަރުހުން 48 ގަޑިއިރު އޭނާގެ ހިދުމަތުގައި ތިއްބެވި ކަމަށާއި އެ ދަނޑިވަޅަކީ ކޮންމެ ފަދަ ކަމެއް ވެސް ދިމާވެދާނެ ވަގުތެއް ކަމުގައެވެ.

ބޮރިސް އަށް ފަރުވާ ދެއްވަން ހަރަކާތްތެރިވި މި ދެ ނަރުހުންނަށް ވަނީ ގިނަ ބައެއް ލޯތްބާއި ތައުރީފު ލިބިފައެވެ. އަދި އެއީ ބަތަލުންގެ ގޮތުގައި ގިނަ ބަޔަކު ސިފަ ކުރަމުން އަންނަ އިރު އެ ދެ ނަރުހުންގެ އިންޓަވިއު އެއް އެއްވެސް ނޫހަކަށް ނެގޭ ގޮތް ވަނީ ނުވެފައެވެ. އިންޓަވިއު އަށް ދެވޭ ވަރަށް ވުރެ ދެ ނަރުހުން ވެސް އުޅެނީ ހޮސްޕިޓަލުގައި މާ އަވަދިނެތި ކަމުގައި ރިޕޯޓުތައް ބުނެއެވެ.

އިނގިރޭސިވިލާތުގައި ކޮވިޑް19 ގެ ސަބަބުން ވަނީ 88,621 މީހަަކަށް ވައިރަސް ޖެހި 11,329 މީހަކު މަރުވެފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!