ޚަބަރު

ނަސްރުﷲ ފެންނާނެ ކަމުގެ އުންމީދު އެބައޮތް: އެމްއެންޑީއެފް

ދެން އެމްވީ ، ދެން އޮންލައިން

މިދިޔަ ބުރާސްފަތި ދުވަހުގެރޭ ލޯންޗަކާއި ޑިންގީއެއްޖެހި ހިނގި އެކްސިޑެންޓްގައި ގެއްލުނު ނަސްރުﷲ އަބްދުﷲ ފެންނާނެ ކަމުގެ އުންމީދު އަދިވެސް އެބައޮތް ކަމަށް އެމްއެންޑީއެފް އިން ބުނެފި އެވެ.

Ads by STELCO

އޮންލައިން ނޫހެއް ކަމަށްވާ "އަވަސް"އާ ވާހަކަދައްކަވަމުން އެމްއެންޑީއެފްގެ އިސް ތަރްޖަމާން މޭޖާ އިބްރާހިމް އާޒިމް ވިދާޅުވީ ނަސްރުﷲ ގެއްލިގެން ރިޕޯޓުކުރި ވަގުތުން ފެށިގެން އަދިވެސް އޭނާ ހޯދުމުގެ މަސައްކަތް ހުއްޓާލާފައިނުވާ ކަމަށެވެ. އަދި އޭނާ ފެންނާނެ ކަމުގެ އުންމީދު އަދިވެސް ކަނޑާނުލާ ކަމަށްވެސް ވިދާޅުވި އެވެ.

"އިންޝާﷲ. އަދިވެސް އަޅުގަނޑުމެން ވަރަށް އުންމީދު ކުރަން ނަސްރުﷲ ފެންނާނެ ކަމަށް، އަޅުގަނޑުމެން ހުއްޓާނުލާ މަސައްކަތް މިކުރަނީ އޭނާ ހޯދުމަށް." އާޒިމް ވިދާޅުވި އެވެ.

އާޒިމް ވިދާޅުވީ ނަސްރުﷲ ހޯދުމަށް ކުރިއަށްގެންދާ ހާއްސަ އޮޕަރޭޝަން މިއަދުވެސް ކުރިއަށްގެންދާނެ ކަމަށާއި ކޯސްޓްގާޑުގެ ޑައިވަރުން އެސަރަހައްދުގައި ޑައިވް ކުރަމުންދާ ކަމަށެވެ. އަދި ޑައިވިން ރޮބޮޓްވެސް ބޭނުން ކުރަމުންދާ ކަމަށްވެސް ވިދާޅުވި އެވެ.

ނަސްރުﷲ ހޯދަން ކަނޑާއި ވައިގެ މަގު ބޮޑު ސަރަހައްދެއް މިއަދުވެސް ބަލަމުން ދާނެ ކަމަށެވެ. އެމްއެންޑީއެފްގެ ހެލިކޮޕްޓަރުން މީހާ ފެނޭތޯ ބަލަން 120 ނޮޓިކަލް މައިލްގެ ސަރަހައްދެއް ބަލަން ހަމަޖެހިފައިވާ ކަމަށް މުޖުތަބާ ވިދާޅުވި އެވެ. އެގޮތުން ބ އަތޮޅުގެ ބޮޑު ބައެއް ވައިގެ މަގުން ބަލާނެ އެވެ. ރޭގަނޑުގެ ވަގުތުތަކުގައި ނައިޓް ވިޝަން ކެމެރާވެސް ސިފައިން ބޭނުންކުރާނެ ކަމަށްވެސް އެމްއެންޑީއެފް އިން ވަނީ ބުނެފަ އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!