ކެނަބިސް ފަދަ އެއްޗެހި ހުއްދަ ކުރުމަކީ ގައުމުގެ މުސްތަގުބަލަށް ނުރައްކާތެރިކަމެއް:ޑރ.މުޢިއްޒު

ޞިއްޙީ ބޭނުމަކަށް ކަމަށް ބުނެ ކެނަބިސް ވިޔަސް އަދި އެ ނޫން ޑްރަގެއް ވިޔަސް ހުއްދަ ކުރުމަކީ ގައުމުގެ މުސްތަގުބަލަށް ނުރައްކާތެރިކަމެއް ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި މާލޭ މޭޔަރު ކަމަށް ވާދަ ކުރައްވާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު ، ޓްވިޓާގައި މިކަން ހާމަ ކޮށްފައި މިވަނީ މާލޭގެ މޭޔަރު ކަމަށް އަމިއްލަ ގޮތުން ވާދަ ކުރައްވާ ، އެމްޑީޕީގެ ކުރީގެ ނައިބު ރައީސް އަލްހާން ފަހުމީ ، ކެނަބިސް ހުއްދަ ކުރެއްވުމަށް ގޮވާލައްވާފައި ވަނިކޮށެވެ. އެގޮތުން އަލްހާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޞިއްޙީ ބޭނުންތަކަށް ، ކެނަބިސް ރާއްޖޭގައި ހުއްދާ ކުރުމަށް ގާނޫނު ހަދާ މަޖިލީހުން ވިސްނަންޖެހޭ ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށެވެ.
އެމަނިކުފާނުގެ މި ވާހަކަފުޅާ ގުޅިގެން ޑރ.މުޢިއްޒު ވިދާޅުވީ ޞިއްޙީ ޞިއްޙީ ބޭނުމަށް ކަމަށް ބުނެ ދޭ ހުއްދަ ދުވަސްތަކަކަށްފަހު ބަދަލު ވާނީ އާންމު ހުއްދައަކަށް ކަމަށާއި ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް ކަންކަން ވެގެން ގޮސްފައިވަނީ އެފަދައިން ކަމަށެވެ.
ކެނަބިސް ހުއްދަ ކުރެއްވުމާ ގުޅޭ ގޮތުން އަލްހާން ދެއްކެވި އެވާހަކަފުޅަށް ވަރަށް ގިނަބައެއްގެ ފާޑު ކިޔުން އަމާޒުވެގެން ގޮސްފައިވެއެވެ.