ލައިފްސްޓައިލް

މިއޮތީ އައިފޯން 12 ގެ ޑިޒައިން، ބޮޑަށް ވައްތަރީ އައިފޯން 4އާ!

ދެން އެމްވީ ، ދެން އޮންލައިން

ކޮވިޑް19 އާ ގުޅިގެން މުޅި ދުނިޔެ މިވަނީ ހުއްޓުމަކަށް އައިސްފައެވެ. މިއާއެކު އެޕަލް ފޭނުންގެ އެއް ކަންބޮޑު ވުމަކީ، މިއަހަރު އައިފޯން 12 ނުނެރެދާނެ ކަމެވެ. ނަމަވެސް އެޕަލް ފޭނުންނަށް އުފާވެރި ޚަބަރެއް އެބައޮތެވެ.

ކޮންމެ އައިފޯން ސީރީސްއެއް ބާޒާރަށް ނެރުމުގެ ކުރިން ، ފޯންގެ މަޢުލޫމާތު އެޕަލް ކުންފުނީގެ ސްޓާފުންގެ ތެރެއިން ބަޔަކު ކޮންމެ ފަހަރަކު ވެސް ލީކްކޮށްލަމުން އަންނަ ޓެކް ސައިޓެއް ކަމަށްވާ ބްލޫންބާގްއިން މިފަހަރުވެސް މިވަނީ އައިފޯން 12 ހުންނާނެ ގޮތުގެ ޑިޒައިނެއް ލީކްކޮށްލާފައެވެ. މި ކަން މަޝްހޫރު ފޯން އެނަލިސްޓެއް ކަމަށްވާ މިން ޗީކޫވަނީ ކަށަވަރުކޮށްދީފައެވެ.

މި ލީކްގައި ބުނާ ގޮތުން އައިފޯން 12 ގެ ޑިޒައިން ބޮޑަށް ވައްތަރުވާނީ އައިފޯން 4 އާއެވެ. މިގޮތުން އައިފޯން 4 ގޮތަށް، އައިފޯން 12 ގެ ކަންވެސް ފަތިވާނެ ކަމަށް އެފަރާތުން ވަނީ ހާމަކޮށްފައެވެ. ނަމަވެސް ފަހުގެ އައިފޯންތައް ގޮތަށް 3 ކެމެރާ އައިފޯން 12 ގައިވެސް ހިމެނޭނެއެވެ.

އައިފޯން މިއަހަރު ބާޒާރަށް ނިކުންނަ ކަމަށާއި މިފަހަރު ނެރެނީ އައިފޯންގެ ދެ މޮޑެލްއެއް ކަމަށް ލީކް ކުރި މަޢުލޫމާތު ހިމެނޭ ރިޕޯޓްގައި ހާމަކޮށްފައިވެއެވެ. މަތީގައި އެވާ ފޮޓޯއަކީ ފެނެރޯމާއިން ލީކްވި ރިޕޯޓަށް ރިޢާޔަތްކޮށް، އައިފޯން ހުންނާނެ ގޮތް ކަމަށް ލަފާކޮށް ކުރަހާފައިވާ ކުރެހުމެކެވެ.

އާ އައިފޯންގެ އިތުރު ފީޗަރއަކަށް ބަލާއިރު، މިފަހަރު ނެރޭ އައިފޯންގެ ނޮޗް ކުޑަވާނެއެވެ. ނޮޗްއަކީ ފޯންގައި ޓަޗްއައިޑީ އާއި ސެލްފީ ކެމެރާ އިންނަ ބައިގައި އިންނަ ކަޅުތަނެވެ. މިތަނުގެ ސަބަބުން ޑިސްޕްލޭއިން ބައެއް ގެއްލެއެވެ. އެންޑްރޮއިޑް ގިނަ ފޯންތަކުގައި މިހާރުވެސް މިބައި ނުހުރެއެވެ.

އައިފޯންގެ އައު މޮޑެލްއެއް މިއަހަރު ބާޒާރަށް ނެރޭނެ ކަމަށް މި ރިޕޯޓްގައި ހާމަކޮށްފައިވީނަމަވެސް، މި އިވެންޓް ލަސްވެދާނެ ކަމަށް ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ. އެޕަލްގެ ހުރިހާ ސްޓޯއެއް ކަހަލަ ގޮތަށް ކޮވިޑް19 އާ ގުޅިގެންވަނީ ބަންދުކޮށްފައެވެ. އަދި އައިފޯން ޝިޕް ކުރުމުގައި ގިނަ ދަތިތަކެއްދަނީ ކުރިމަތިވަމުންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!