މިދިޔަ އަހަރު ބޭންކިން ނިޒާމް ވަނީ ވަރުގަދަ ވެފަ : އެމްއެމްއޭ
ރާއްޖޭގެ ބޭންކިން ދާއިރާގެ މާލީ ދުޅަހެޔޮކަން މިދިޔަ އަހަރު ނިމުނުއިރު ވަރަށް ވަރުގަދަކޮށް ހުރިކަން މަރުކަޒީ ބޭންކް، އެމްއެމްއޭ އިން އާންމުކުރި ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
އެމްއެމްއޭގެ ރިޕޯޓް ދައްކާ ގޮތުން މިދިޔަ އަހަރު ބޭންކްތަކުގެ ކެޕިޓަލް އެޑިކުއަސީ - ބޭންކުތަކުގެ ރައްކާތެރިކަން ވަނީ އިތުރުވެފަ އެވެ.
ބޭންކުތަކަށް ކުރިމަތިވެދާނެ މާލީ ނުރައްކަލަކުން ސަލާމަތްވުމަށް ބަހައްޓަންޖެހޭ ރިޒާވް ނުވަތަ "ކެޕިޓަލް އެޑިކުއަސީ ރޭޝިއޯ" ވަނީ މަތީ މިންވަރެއްގައި ހިފެހެއްޓިފައެވެ. މިދިޔަ އަހަރުގެ 2025 ނޮވެމްބަރުގެ ނިޔަލަށް މި ނިސްބަތް ހުރީ 45.0 އިންސައްތައިގައެވެ.
މިއީ ބައިނަލްއަޤްވާމީ މިންގަނޑުތަކަށް ބަލާއިރު ވަރަށް މަތީ، އަދި ރައްކާތެރި މިންވަރެކެވެ.
މީގެ އިތުރުން މިދިޔަ އަހަރުގެ ނިޔަލަށް ލޯނުތަކުގެ ނޮން-ޕާފޯމިން ލޯންސް ބޭންކުތަކުން ދޫކޮށްފައިވާ ލޯނުތަކުގެ ތެރެއިން ނުދައްކާ ހުރި ލޯނުތައް ވެސް ވަނީ ދަށަށް ގޮސްފަ އެވެ. މިދިޔަ އަހަރު ނޮވެމްބަރު ޖުމްލަ ލޯނުތަކުގެ ތެރެއިން ނުދައްކާ ހުރި ލޯނުގެ ނިސްބަތަކީ 5.3 އިންސައްތައެވެ.
މި ރިޕޯޓުގައިވާ ގޮތުން ޕްރޮވިޒަން ނުވަތަ ނުދައްކާ ހުރި ލޯނުތަކުގެ ބަދަލުގައި ބަހައްޓާފައިވާ ފައިސާ ނުވަތަ ޕްރޮވިޒަންސް ވަނީ 105.7 އިންސައްތަ އަށް އިތުރުވެފަ އެވެ. މިއީ ލޯނެއް ނުދެއްކި ނަމަވެސް ބޭންކަށް ލިބޭނެ ގެއްލުން ކުޑަކުރުމަށް އެޅިފައިވާ ވަރުގަދަ ފިޔަވަޅެކެވެ.
އެމްއެމްއޭއިން ބުނި ގޮތުގައި ބޭންކްތަކަށް ފައިދާލިބޭ މިންވަރު ވެސް 2024 ވަނަ އަހަރާ އަޅާބަލާއިރު ރަނގަޅު ކުރިއެރުމެއް ހޯދާފަ އެވެ.ބޭންކުތަކުގެ އަމިއްލަ ރައުސްމާލުން ފައިދާ ލިބޭ ނިސްބަތް ހުރީ 18.7 އިންސައްތައިގައެވެ. އަދި ޖުމްލަ މުދަލުން ފައިދާ ލިބޭ ނިސްބަތް ހުރީ 4.6 އިންސައްތައިގަ އެވެ.


