ދުނިޔެ

ޓައިވާނަށް އަރައިގަންނަން ކުރާ މަސައްކަތް ނާކާމިޔާބުވެއްޖެނަމަ ޗައިނާއަށް ބޮޑެތި ގެއްލުންތަކެއް ލިބޭނެކަމަށް ދިރާސާއަކުން ދައްކައިފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޓައިވާނާ ދެކޮޅަށް ޗައިނާއިން ހިންގާ އަސްކަރީ އޮޕަރޭޝަނެއް ނާކާމިޔާބުވެއްޖެނަމަ، އެ ގައުމުގެ އިގްތިސާދަށާއި، އަސްކަރީ ގާބިލުކަމަށް އަދި އިޖުތިމާއީ ހަމަޖެހުމަށް އިއާދަނުކުރެވޭ ފަދަ ބޮޑެތި ގެއްލުންތަކެއް ކުރިމަތިވާނެ ކަމަށް ޖާމަން މާޝަލް ފަންޑުން ކުރި ދިރާސާއަކުން ދައްކައިފިއެވެ. މި ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުގައި، މިފަދަ ނާކާމިޔާބީއެއްގެ ސަބަބުން ބައިނަލްއަގުވާމީ މައިދާނުގައި ޗައިނާ އޮތް މަގާމަށް ވެސް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާނެއެވެ.

އިގްތިސާދީ އަދި އަސްކަރީ ނުރައްކާތައް

ރޯޑިއަމް ގްރޫޕްގެ އިގްތިސާދީ މާހިރުން ކަމަށްވާ ލޯގަން ރައިޓް އަދި ޗާލީ ވެސްޓް ލަފާކުރާ ގޮތުގައި، މިފަދަ ހަނގުރާމައެއްގެ ސަބަބުން ޗައިނާއަށް ލިބޭ މާލީ ގެއްލުން ޓްރިލިއަން ޑޮލަރަށް އަރާނެއެވެ. މާލީ ބާޒާރުތަކަށް އަންނަ ލޮޅުންތަކާއި، ރައުސްމާލު ބޭރުވުމާއި، ފައިސާގެ އަގަށް އަންނަ ބަދަލުތަކުގެ ސަބަބުން މި ގެއްލުންތައް ހީނުކުރާ މިންވަރަށް އިތުރުވެގެންދާނެ ކަމަށް އެ ބޭފުޅުން ފާހަގަކުރެއްވިއެވެ.

ޗައިނާގެ އަސްކަރިއްޔާ ދިރާސާކުރައްވާ ޖޮއެލް ވުތްނޯ ވިދާޅުވި ގޮތުގައި، އަސްކަރީ ގޮތުން ލިބޭ ގެއްލުންތައް ވަރަށް ބޮޑުވެފައި ގިނަ ދުވަހަށް ދެމިގެންދާނެއެވެ. މީގެ ސަބަބުން ކުރިއަށް އޮތް ތަނުގައި ހިންގަން ރާވާ އަސްކަރީ ހަރަކާތްތަކަށް ހުރަސް އެޅި، ޗައިނާގެ ކޮމިއުނިސްޓް ޕާޓީއާއި އަސްކަރިއްޔާއާ ދެމެދު އޮންނަ ގުޅުމަށް ވެސް ބުރޫއަރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އިޖުތިމާއީ ހަމަޖެހުމާއި ބައިނަލްއަގުވާމީ މަގާމު

ދިރާސާވެރިން ކަމަށްވާ ޝީނާ ޗެސްޓްނަޓް ގްރެއިޓެންސް އަދި ޖޭކް ރިނާލްޑީ ފާހަގަކުރެއްވި ގޮތުގައި، އިގްތިސާދަށާއި އަސްކަރިއްޔާއަށް ލިބޭ ގެއްލުންތަކުގެ ސަބަބުން ޗައިނާގެ އެތެރޭގެ މަސްލަހަތު ގެއްލި، އިޖުތިމާއީ ބޮޑެތި ހަމަނުޖެހުންތަކެއް އުފެދުމުގެ ބިރު އެބައޮތެވެ. މީގެ އިތުރުން، ޒެކް ކޫޕާ ވިދާޅުވީ ބައިނަލްއަގުވާމީ މައިދާނުގައި ޗައިނާ އެތައް އަހަރެއް ފަހަތަށް ސައިލާނެ ކަމަށާއި، ޑިޕްލޮމެޓިކް ގޮތުން ލިބޭނެ ގެއްލުންތައް ޗައިނާގެ ލީޑަރުން ކުޑަކޮށް ނުދެއްކެވުމަށް އޭނާ އިލްތިމާސްކުރެއްވިއެވެ.

ރައީސް ޝީ ޖިންޕިންގެ ސިޔާސީ މުސްތަގުބަލު

މި ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުގައި، ރައީސް ޝީ ޖިންޕިންގެ ޝަރަފާއި ގަދަރު ގުޅިފައިވަނީ 2049 ވަނަ އަހަރާ ހަމައަށް ޗައިނާ އާރާސްތުކުރުމުގެ "ޗައިނީޒް ޑްރީމް" އާއެވެ. ނަމަވެސް، ޓައިވާނާ ދެކޮޅަށް ކުރާ ހަނގުރާމައެއް ނާކާމިޔާބުވެއްޖެނަމަ، އެ ހުވަފެން "ބިރުވެރި ހުވަފެނަކަށް" ބަދަލުވެ، އޭނާގެ ސިޔާސީ ބާރުވެރިކަން ގެއްލިގެންދާނެއެވެ. އެހެންނަމަވެސް، ހަރުކަށި ފިކުރުގެ ބޭފުޅުންގެ ފިއްތުންތަކާއި، އަމިއްލަ ނަފްސުގެ ސަލާމަތަށްޓަކައި ޝީ މިފަދަ ނުރައްކާތެރި ފިޔަވަޅެއް އެޅުއްވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ވެސް ދިރާސާގައި ފާހަގަކޮށްފައިވެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!