ޚަބަރު

ފުލުހެއްގެ ގައިގައި ސައިކަލުން ޖެއްސުމަށްފަހު ފިލަން އުޅުމު މީހަކު ހައްޔަރުކޮށްފި

ފުލުހެއްގެ ގައިގައި ސައިކަލުން ޖެއްސުމަށްފަހު ފިލަން އުޅުނު މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ މިއަދު ހެނދުނު 10:49 ހާއިރު މާލެތެރެ ޕެޓްރޯލް ކުރަމުން ދަނިކޮށް ޗާންދަނީ މަގު ފިހާރަ ކުރިމަތިން ސައިކަލެއް ގައިދާ ހިލާފަށް މުދާ އުފުލައިގެން ދިޔަ މީހަކު މަޑު ކުރަން އެންގުމުން އޭނާ މަޑުނުކޮށް ދާން އުޅުމުން އެ ސައިކަލު ހުއްޓުވި ކަމަށެވެ.

އަދި ސައިކަލު ދުއްވަން އިން މީހާގެ މައުލޫމާތު ދޭން ބުނުމުން އޭނާ އެކަމަށް އިންކާރުކޮށް ފުލުސް މީހާ އާއި ހަޑިހުތުރު ބަހުން މުއާމަލާތުކޮށް، ފުލުސް އޮފިސަރުގެ ގައިގައި ސައިކަލުން ޖެއްސުމަށްފަހު ފިލަން ދާން މަސައްކަތްކޮށްފައިވާ ކަމަށްވެސް ފުލުހުން ބުނެއެވެ.

އުމުރުން 34 އަހަރުގެ އެ ފިރިހެން މީހާ ހައްޔަރުކުރީ ފުލުހަށް ވާޖިބަށް ހުރަސްއަޅާ އަދި ފުލުހަކަށް ހަމަލާދިންކަމުގެ ކުށުގައެވެ. އަދި އެ މީހާ ގަވާއިދާ ހިލާފަށް މުދާ އުފުލު މައްސަލާގައި އޭނާގެ ލައިސަންސް ހިފަހައްޓާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ދަނީ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!