ކޮވިޑް19: ޗައިނާ އިން ގިނަ ކަންތައްތަކެއް ފޮރުވަން މަސައްކަތް ކުރަނީ
މިދިޔަ އަހަރުގެ ފަހުކޮޅު ޗައިނާގެ ވުހާން ސިޓީއިން ފެނުނު ނޮވެލް ކޮރޯނާ ވައިރަހުގެ ނުރައްކާތެރިކަން މިވަނީ މުޅި ދުނިޔެއަށް ކުރިމަތިވެފައެވެ. ކޮރޯނާ ވައިރަހުގެ ސަބަބުން ޗައިނާގައި 82 ހާސް އަށް ވުރެ ގިނަ މީހުންނަށް ބަލި ޖެހި 3,341 މީހުން މަރުވި ކަމަށް ޗައިނާގެ އިދާރާތަކުން ބުނަމުން އަންނައިރު ވައިރަހާއި ގުޅުން ހުރި ގިނަ ކަންތައްތަކެއް ޗައިނާ އިން ފޮރުވަމުން އަންނަ ކަމުގެ ތުހުމަތު ޗައިނާއަށް އަނެއްކާވެސް އަމާޒުވެއްޖެއެވެ.
ބައިނަލްއަގްވާމީ ނޫހެއް ކަމަށް ވާ ގާރޑިއަން އިން ރިޕޯޓުކޮށްފައިވާ ގޮތުގައި ޗައިނާ ގެ އިދާރާތަކުން އަންނަނީ ކޮރޯނާ ވައިރަސް އާއި ގުޅިގެން ޗައިނާގެ އެކި އެކި ކޮލެޖު ޔުނިވާރސިޓީ ތަކުން ކުރަމުން އަންނަ ދިރާސާތައް މަދުކުރުމަށް މަސައްކަތް ކުރަމުންނެވެ. އަދި މި ފަދަ ދިރާސާ ތަކުގެ ނަތީޖާ ރިޕޯޓުތައް އޮންލައިންކޮށް ޕަބްލިޝް ކުރުމަށް ވެސް ޗައިނާ އިން ހުރަސް އަޅަމުން އަންނަ ކަމުގައި ވެސް އެ ރިޕޯޓުގައި ވެއެވެ.
ދާދި ފަހުން ޗައިނާގެ ނަން ހިނގާ ދެ ޔުނިވަރސިޓީ އަކުން އެ ފަރާތްތަކުގެ ވެބްސައިޓުގައި ޝާއިޢުކުރި ކޮވިޑް19 އާއި ގުޅުން ހުރި ދެ ދިރާސާ ރިޕޯޓުވެސް ވަނީ ޑިލިޓުކޮށްލާފައެވެ. ރިޕޯޓުތައް ބުނާ ގޮތުގައި މި ދިރާސާތައް އެ ވެބްސައިޓުން ޑިލިޓުކޮށްފައިވަނީ އޮންލައިން ކެޗޭ އެއް މެދުވެރިކޮށް ކަމުގައި ބެލެވެއެވެ. އަދި މިކަމުގެ ފަަހަތުގައި ޗައިނާ ސަރުކާރުގެ އަތެއް އޮވެދާނެ ކަމަށް ވެސް އެ ފަރާތްތަކުން ތުހުމަތު ކުރެއެވެ.
މީގެ އިތުރުން ވެސް މިފަދަ ދިރާސާ ލިޔުންތައް ޝާއިއު ކުރުމުގައި ސަރުކާރުގެ ހުއްދަ ހޯދަން ޖެހޭ ކަމަށާއި އެކަމުގައި ބޮޑެތި ފިއްތުންތަކެއް ކުރިމަތިވަމުން އަންނަ ކަމުގައި ވެސް ޗައިނާގެ ގިނަ ޔުނިވާސިޓީ ތަކަކުން އަންނަނީ ބުނަމުންނެވެ.
މި ހުރިހާ ލިޔެކިޔުންތައް ފޮރުވައި ހާމަނުކުރުމުގެ ފަހަތުގައި އޮތް ޗައިނާ ސަރުކާރުގެ މަގުސަދަކީ ކޮވިޑް19 ފެތުރުމުގައި ޗައިނާގެ އިހުމާލު ފޮރުވުން ކަމުގައި ބެލެވެއެވެ.
މިގެ ކުރިން ވެސް ޗައިނާ އިން އެ ގައުމުގައި ވައިރަސް ޖެހުުނު މީހުންގެ އަދަދާއި މަރުވި މީހުންގެ އަދަދުތައް އޮޅުވާލަން އުޅުނު ކަމުގެ ތުހުމަތުތަކެއް ކޮށްފައިވެއެވެ.
ކޮވިޑް19 ގެ އަސަރު މުޅި ދުނިޔެއިން ދެ މިލިއަނަށް ވުރެ ގިނަ މީހުނަށް ކޮށްފައިވާއިރު 120,438 މީހުން ވަނީ އެބަލީގައި މަރުވެފައެވެ.