ރައީސް، ރަސްމީ ދަތުރުފުޅެއްގައި ޖަރުމަނަށް ވަޑައިގަންނަވަނީ
ރައީސް ޑރ. މުހައްމަދު މުއިއްޒު، އަންނަ ހަފްތާ ރަސްމީ ދަތުރުފުޅެއްގައި ޖަރުމަނަށް ވަޑައިގަންނަވަން ހަމަޖެހިއްޖެއެވެ.
ޖަރުމަނުވިލާތުގެ ރައީސް ފްރޭންކް-ވޯލްޓާ ސްޓައިންމަޔާގެ ދައުވަތަކަށް ރައީސް އެގައުމަށް ވަޑައިގަންނަވަން ނިންމާފައިވަނީ މިމަހުގެ 9 އިން 13 ވަނަ ދުވަހަށެވެ. މި ދަތުރުފުޅުގައި އެގައުމުގެ ރައީސްގެ އިތުރުން، އެގައުމުގެ ސަރުކާރުގެ އިސް އޮފިޝަލުންނާއި ބައްދަލުކުރައްވައި، މަތީ ފަންތީގެ މަޝްވަރާތައް ކުރައްވާނެއެވެ.
ރައީސް އޮފީހުން ބުނީ ރައީސްގެ މި ދަތުރުފުޅުގެ ބައެއްގެ ގޮތުގައި، ބާލިންގައި ހުންނަ ހަމްބޮލްޓް ޔުނިވާސިޓީއަށް ވަޑައިގެން "މޫސުމީ ބަދަލަށް ހޭނުމުގައި ދިވެހިރާއްޖޭގެ ތަޖުރިބާ" ހިއްސާކުރައްވައި، އެ ޔުނިވާސިޓީގައި އެމަނިކުފާނު ތަގުރީރު ކުރައްވާނެ ކަމަށެވެ.
އަދި ޖާމަން ކައުންސިލް ފޯ ފޮރިން ރިލޭޝަންސްއަށް ޒިޔާރަތްކުރައްވައި، އެމަނިކުފާނު ތަގުރީރު ކުރައްވާނެ ކަމަށްވެސް ރައީސް އޮފީހުން ބުންޏެވެ.
ރައީސްގެ މިދަތުރުފުޅުގައި، އެގައުމުގައި ބިޒްނަސް ފޯރަމެއް ބޭއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ. މި ބިޒްނަސް ފޯރަމުގައި ދެގައުމުގެ ވިޔަފާރިވެރިން ބައިވެރިވެވަޑައިގެން، ރާއްޖޭގައި ވިޔަފާރިއާ އިންވެސްޓްމަންޓްރަކަށް ހުރި ފުރުސަތުތަކުގެ ތަފްސީލު ދޭނެއެވެ.
ރައީސްގެ އަރިހުގައި ސަރުކާރުގެ އިސްވެރިންގެ އިތުރުން ދިވެހި ބައެއް ވިޔަފާރިވެރިންގެ މައްޗަށް އެކުލެވޭ ވަފުދެއްވެސް ބައިވެރިވެވަޑައިގަންނަވާނެއެވެ.

