ކޮވިޑް19: ހޮސްޕިޓަލުން ބޭރުގައި މަރުވާ މީހުން އިތުރު ވަނީ
އިނގިރޭސިވިލާތުގައި ކޮވިޑް19 ގެ ސަބަބުން މަރުވާ ކޮންމެ 10 މީހަކުން އެކަކު މަރުވަނީ ހޮސްޕިޓަލުން ބޭރުގައި ކަމަށް އެ ގައުމުގެ ނެޝަނަލް ސްޓޭޓިސްޓިކްސް ބިއުރޯ އިން ހާމަކޮށްފިއެވެ.
ނަމަވެސް މި ގޮތަށް މަރުވި 406 މީހުން އެ ގައުމުގައި މަރުވި މީހުންގެ ލިސްޓުގައި ތެރޭގައި ހިމަނާފައި ނުވާ ކަމަށް ވެސް ރިޕޯޓުތައް ބުނެފައިވެއެވެ. މަރުވި މީހުންގެ ލިސްޓުގައި ހިމަނަނީ ހަމައެކަނި ހޮސްޕިޓަލުގައި މަރުވާ މީހުން އެކަންޏެވެ.
ހޮސްޕިޓަލުން ބޭރުގައި މަރުވި މީހުންގެ ތެރޭގައި ހިމެނެނީ މުސްކުޅިން ބަލަހައްޓާ ކެއަރ ހޯމްތަކުން މަރުވި 217 މީހުންނާއި ބަލި މީހުން ބަލަހައްޓާ ގެތަކުގައި މަރުވި 33 މީހުންނާއި ޕްރައިވެޓް ހޯމްތަކުން 136 މަރާއި ތަނެއް ދެނެގަނެވިފައިނުވާ އިތުރު 20 މީހުންގެ މަރެވެ.
ޔޫކޭ ގެ ނެޝަނަލް ސްޓޭޓިސްޓިކްސް އިން އިތުރަށް ހާމަކުރި ގޮތުގައި އޭޕްރިލް މަހުގެ ތިން ވަނަ ދުވަހާއި ހަމައަށް ކޮވިޑް19 ގެ ސަބަބުން މަރުވެފައިވާ 3,716 މީހުންގެ ތެރެއިން ހޮސްޕިޓަލުގައި މަރުވެފައިވަނީ 90.2 އިންސައްތަ މީހުނެވެ.
އެ އިދާރާއިން ނެރުނު ތަފާސް ހިސާބުތަކުގައި ފާއިތުވި ހަފްތާގެ އަދަދުތައް ހިމަނާފައެއް ނުވެއެވެ. ފާއިތުވި ހަފްތާއަކީ އިނގިރޭސިވިލާތުގައި އެންމެ ގިނަ މީހުން މަރުވި ހަފްތާއެވެ. ފާއިތުވި ހަފްތާގައި ޖެހިޖެހިގެން ދެ ދުވަހު 900 އަށް ވުރެ ގިނަ މީހުން މަރުވެފައިވެއެވެ.
މިދިޔަ އަހަރުގެ ޑިސެންބަރު މަހުގެ ތެރޭގައި ވައިރަސް ފެތުރެން ފެށިފަހުން އިނގިރޭސިވިލާތާއި ވޭލްސް ގައި އޭޕްރިލް ތިންވަނަ ދުވަހާއި ހަމައަށް 6235 މީހުން މަރުވެފައިވާ ކަމަށް އެ އިދާރާގެ ތަފާސްހިސާބުތަކުގައި ވެއެވެ. މިއީ އެ ގައުމުތަކުން ރަސްމީ ކޮށް އިއުލާނު ކޮށްފައިވާ އަދަދަށް ވުރެ 2100 އިތުރު އަދަދެކެވެ.
މިހާތަނަށް މުޅި ދުނިޔެއިން ކޮވިޑް19 ޖެހިގެން 1,939,463 ރިޕޯޓުކުރެވިފައިވާއިރު 120,879 މީހަކު ވަނީ މި ބަލީގައި މަރުވެފައެވެ.