ދީން

ދަމުނަމާދު ކުރާނެ ގޮތް!

ދެން އެމްވީ ، ދެން އޮންލައިން

މިއީ ދަމު ނަމާދު ކުރާނެ ގޮތާ ގުޅޭ ގޮތުން މީހަކު ކުރި ސުވާލަކަށް ޑރ. މުހައްމަދު އިޔާޒް އަބްދުލް ލަތީފް ދެއްވާފައިވާ ޖަވާބުގެ މައްޗަށް ތައްޔާރުކޮށްފައިވާ ލިޔުމެކެވެ.

ދަމު ނަމާދަކީ ދެ ރަކުއަތުން ދެ ރަކުއަތުން ނުވަތަ ހަތަރު ރަކުއަތުން ހަތަރު ރަކުއަތުން ސަލާން ދެމުން ކުރާ ނަމާދެކެވެ.

އިބްނު އުމަރު ރަޟިޔަ ﷲ އަންހު ގެ އަރިހުން ރިވާވެގެންވެއެވެ. ރަސޫލު ﷲ صلى الله عليه وسلم ގެ އަރިހުގައި މީހަކު ރޭ އަޅުކަން ކުރައްވަނީ ކިހިނެއްތޯ އެއްސެވުމުން ހަދީޘް ކުރައްވާފައިވާ ބަސްފުޅުގެ މާނައިގައިވެއެވެ.
" ރޭއަޅުކަން ވަނީ ދެރަކުއަތުން ދެ ރަކުއަތުންނެވެ. ( ދެ ރަކުއަތް ކޮށްފައި ސަލާން ދީފައި އަނެއްކާ ދެރަކުއަތެވެ ) އަދި ފަތިސްވެދާނެ ކަމުގެ ބިރު ހީވެއްޖެނަމަ އިސްވެދިޔަ ރަކުއަތްތަކަށް ވިތުރީގެ އެއް ރަކުއަތް އިތުރުކުރާށެވެ."

ދަމުނަމާދުގެ އެންމެ ގިނަ މިންވަރަކީ 8 ރަކުއަތެވެ. ވިތުރި އާއެކުގައި އެގާރަ ރަކުއަތެވެ. އަށް ރަކުއަތް ހަމަވުމާއެކު ތިން ރަކުއަތުން ވިތުރި ކުރުމުން ދަމު ނަމާދުކޮށް ނިމުނީއެވެ. ނުވަތަ ދިހަ ރަކުއަތް ކޮށް އެއް ރަކުއަތުން ވިތުރި ކުރާނީއެވެ. ދަމު ނަމާދުގެ މަދު މިނަކީ ދެ ރަކުއަތެވެ. އަދި ވިތުރީގެ މަދު މިނަކީ އެއް ރަކުއަތެވެ.

އަލް ބުޚާރީ އެބޭފުޅާގެ ސަޙީޙް (4/319) ގައި ރިވާ ކުރައްވާފައިވެއެވެ. ޢާއިޝަތު ރަޟިޔަﷲ އަންހާ ވިދާޅުވިއެވެ.
" އިތުރު އެކަލޭގެފާނު ރަމަޟާން މަހުގައި ނުވަތަ އެނޫން މައްސަރެއްގައި ވެސް އެގާރަ ރަކުއަތަށް ވުރެ އިތުރެއް ނުކުރައްވައެވެ"

އެގޮތުން ދަމު ނަމާދު ކުރާނީ ދެ ރަކުއަތް ނުވަތަ ހަތަރު ރަކުއަތް ނުވަތަ ހަ ރަކުއަތުންނެވެ. އެމީހަކަށް ދަތިކަމަކާ ނުލާ ދާއިމުވެ ކުރެވޭ އަދަދެއްގައި އެމީހަކު ހިފުމަކީ އެންމެ ރަނގަޅު ގޮތެވެ. އަދި ބައެއް ރޭ ރޭ ގިނައިން ކުރުމަކީ މައްސަަލައެއް ވެސް ނޫނެވެ.

ދަމު ނަމާދުގައި އެދެވިގެންވާ ގޮތަކީ ވީހާވެސް ދިގުކޮށް ޤުރުއާން ކިޔެވުމެވެ. ކިޔެވުމަށް ވަކި ޚާއްސަ ސޫރަތެއް ނޯވެއެވެ. ހަމައެހެންމެ ޤިޔާމާއި ރުކޫއާއި ސަޖިދަ ދިގު ކުރުމެވެ. ރަކުއަތުގެ އަދަދު އިތުރު ކުރުމެއް ނޫނެވެ. ދަމު ނަމާދުގައި މިހުރިހާ ގޮތެއް ތަނަވަސް ވެގެންވެއެވެ.

ދަމު ނަމާދުކުރުން އެންމެ އައުލާ ވެގެންވާ ވަގުތަކީ މީހުން ނިދާފައި ތިބޭ ވަގުތެވެ. އެއީ ރޭގަނޑު ތިން ބައި ކޮށްފައި ތިން ވަަނަ ބައިން ފެށިގެން ފަތިސް ވުމާއި ހަމައަށެވެ. ނުވަތަ އެހެން އިބާރާތަކުން ބުނާނަމަ ހާރުދަމެވެ.

ދަމު ނަމާދުކުރުމަށްޓަކައި ނިދުމަކީ ލާޒިމު ކަމެއް ނޫނެވެ. ނަމަވެސް ނިދާފައި ހޭލައި ނަމާދު ކުރުމަކީ މީހާ ތާޒާވެ މުރާލި ވާނެ ކަމެކެވެ. ވީމާ އެހެން ކުރެވެން އޮތް ނަމަ އެންމެ އައުލާކަން ބޮޑު ގޮތަކީ އެއީއެވެ. ނަމަވެސް ރޭގަނޑު ހޭލައި ހުންނަން ޖެހޭ މީހަކު ނުނިދައި ހުރެ ނަމާދު ކުރުމަކުން އޭގައި އެއްވެސް މައްސަލައެއް ނެތެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!