ﷲ ތަޢާލާ އެބަޔަކަށް މަދަހައިގެ ބަސް ވަޙީ ކުރައްވާފައިވާ މީހުންގެ ތެރޭގައި ހިމެނެން ބޭނުންވާނަމަ މިއަޅުކަން އަދާކުރަމާ!
އަހަރެމެން އެންމެންގެ އެދުމަކީ ވެސް ﷲ ތަޢާލާ ރުހި ވޮޑިގެންވާ އަޅުތަކުންގެ ތެރޭގައި ވުމެވެ. އެއިލާހުގެ ފުއްސެވުމާއި ރުއްސެވުމުގެ ދީލަތިކަން މިންވަރު ކުރައްވާ އަޅުތަކުންގެ ތެރޭގައި ހިމެނުމެވެ.
މި މަޤާމު ހޯދުމަށް ގަދައަޅާ މަސައްކަތްކުރާ އަޅުތަކުންގެ ޖަމާޢަތެއްވެއެވެ. އެއީ އެބަޔަކާއި މެދު ﷲ ތަޢާލާ މަދަހައިގެ ބަސްފުޅު ވަޙީ ކުރައްވާފައިވާ މަތިވެރި ބައެކެވެ. އާދެ! ﷲ ތަޢާލާ ފަރުޟު ކުރެއްވި ފަސްނަމާދު އަދާކޮށް އިތުރަށް ވެސް އެއިލާހާއި ކުއްތަން ވުމަށް ލޯބި ކުރާ މީސްތަކުންނެވެ. އެކަމުގެ ލޯބީގައި ރޭއަޅުކަން އަދާ ކުރާ މީހުންނެވެ.
ދީލަތިވަންތަ ﷲ ތަޢާލާ ވަނީ ނިދީގައި ޣާފިލުވެ ނުތިބެ ދަންވަރު ތެދުވެ ނަމާދުކުރާ މީހުންނަށް މަދަޙައިގެ ބަސްފުޅު ވަޙީ ކުރައްވާފައެވެ.
މާތް ﷲ ވަޙީކުރެއްވިއެވެ. ( تَتَجَافَى جُنُوبُهُمْ عَنِ الْمَضَاجِعِ يَدْعُونَ رَبَّهُمْ خَوْفًا وَطَمَعًا وَمِمَّا رَزَقْنَاهُمْ يُنْفِقُونَ)السجدة: ١٦
މާނައީ : '' އެބައިމީހުންނީ ( ރޭގަނޑު އަޅުކަން ކުރުމަށްޓަކައި ) އެމީހުންގެއަރިކަށިތައް އެނދުތަކުން ވަކިވެ ( އަދި މާތް ﷲ ގެޢަޛާބަށް ) ބިރުވެތިވެ ( އެކަލާނގެ ޘަވާބަށް ) އުންމީދުކޮށް އެދޭ، އަދި އެބައިމީހުން ހައްދަވައި ބޮޑުކުރެއްވި ކަލާނގެ ކިބަފުޅަށް ދުޢާކޮށް ތިމަން ﷲ ދެއްވި ތަކެތިން ޞަދަޤާތްދޭ މީހުންނެވެ. ''
ވީމާ މިފަދަ މީހުންގެ ތެރޭގައި ހިމެނުމަށްވުރެ ބޮޑު އުފަލެއް އޮންނާނެތޯއެވެ. އަރާމު ތަންމަތިތަކާއި ފޭވެ ދަންވަރުގެ ފަހުގައިބައި ﷲގެ ނިކަމެތި އަޅާ ، އެއަޅާގެ ވެރި ރައްބަށް ދުޢާ ދެންނެވުމުގައި ހޭދަ ކުރާ ވަގުތަށްވުރެ ހިތަށް ފިނިކަން ލިބޭނެ ވަގުތެއް އޮންނާނެތޯއެވެ. މިފަދަ މީހުންގެ ޢަމަލުތަކާއި ގުޅޭގޮތުން ﷲ ތަޢާލާ ވަޙީ ކުރައްވާފައިވެއެވެ.
( كَانُوا قَلِيلًا مِنَ اللَّيْلِ مَا يَهْجَعُونَ (*) وَبِالْأَسْحَارِ هُمْ يَسْتَغْفِرُونَ ) الذاريات: ١٧ - ١٨
މާނައީ " އެބައިމީހުން ރޭގަނޑު ނިދައި އުޅުނީ ވަރަށް ކުޑަކުޑަ ވަގުތުކޮޅެއްގައެވެ. އެމީހުންރޭގަނޑު ދަންވަރު އިސްތިޣްފާރު ކުރެއެވެ. ( އެބަހީ ފާފަފުއްސެވުން އެދި ދަންނަވައެވެ.)
ރޭއަޅުކަން ނުވަތަ ދަމު ނަމާދު ކުރުމަކީ ، ﷲ ތަޢާލާއަށް ކުއްތަންވުމުގެ ލޯބީގައި ކުރިއަރާތިބި އެއިލާހުގެ ޚާއްޞަ އަޅުތަކުންނަށް މިންވަރު ކުރައްވާ ކަމެކެވެ. އަރާމު ތަންމައްޗާއި ، އަރާމު ނިދި ދޫކޮށް ﷲއަށް ދެންނެވުން އިސްކޮށް އެމަގުގައި ސާބިތުވެ ތިބޭނީ ޔަގީނުން ވެސް އެއިލާހުގެ ރަޙުމަތަށް އިޚްލާޞްތެރިކަމާއެކު އެދޭ މީހުންނެވެ. މިފަދަ މާތް ވަގުތެއްގައި މުޅި ދުނިޔެއާއި އެކަހެރިވެ ﷲތަޢާލާއާއި ކުއްތަންވުމުގެ ދަރުބާރަށް ޙާޟިރުވާ މީހާގެ ހެޔޮކަމާއެވެ.
ޤުދުސީ ޙަދީޘް ބަސްފުޅެއްގައި އައިސްފައިވެއެވެ.
“يَنْزِلُ رَبُّنَا كُلَّ لَيْلَةٍ إِلَى السَّمَاءِ الدُّنْيَا، حِيْنَ يَبْقَى ثُلُثُ اللَّيْلِ الْأَخِيْرِ، فَيَقُوْلُ: مَنْ يَّدْعُوْنِيْ فَأَسْتَجِيْبَ لَهُ، مَنْ يَّسْأَلُنِيْ فَأُعْطِيَهُ، مَنْ يَّسْتَغْفِرُنِيْ فَأَغْفِرَ لَهُ، حَتَّى يَطْلُعَ الْفَجْرُ” މާނައަކީ: “ކޮންމެ ރެއެއްގެ ފަހު ތިންބަޔަށް އެޅުމުން މާތް ﷲ ދުނިޔޭގެ އުޑަށްތަޖައްލީވެ ވޮޑިގެންބަސްވަޙީ ކުރައްވާނެއެވެ. “ތިމަން ﷲ އަށް ދުޢާ ކުރަނީ ކާކުތޯއެވެ. އެމީހެއްގެ ދުޢާ އިޖާބަ ކުރައްވާނަމެވެ. ތިމަން ﷲ އަށް ކަމަކަށް އެދި ދަންނަވަނީ ކާކުތޯއެވެ. އެމީހަކަށް އެކަމެއް ދެއްވާނަމެވެ. ފާފަ ފުއްސެވުން އެދި ތިމަން ﷲ ގެ ޙަޟްރަތަށް ދަންނަވަނީ ކާކުތޯއެވެ. އެމީހެއްގެ ފާފަ ފުއްސަވައި ދެއްވާނަމެވެ. އެގޮތުގައި ފަތިސްވަންދެން ދެމިވޮޑިގެންވެއެވެ”.
އެކުވެރީންނެވެ. ދުނިޔޭގައި ކަމެއް ބޭނުން ނުވާ ހުރިހާ ކާކުތޯއެވެ. އަހަރެމެންގެ މުހުތާދުތަކުގެ ލިސްޓް ކިތަންމެހާ ވެސް ދިގެވެ. އެ މުހުތާދުތައް ފުރިހަމަވޭތޯ ދެންނެވުމުގައި ﷲ ތަޢާލާ ޚާއްޞަ ވަގުތެއް ދެއްވާފައިވާއިރު އެވަގުތުގައި ކަންނެތްވެފައި ތިބެވޭނީ ކިހިނަކުންތޯއެވެ. ހަމައެހެންމެ ނުފުދިފައި އޮތް މުހުތާދެއް ޙާޞިލްކުރަން ގަދައަޅާ އެތައް މަސައްކަތެއްކޮށް އެކަމުގެ ހެޔޮ ނަތީޖާ ނުލިބިފައި ތިބި ކިތަންމެ ބަޔަކަށް މިވަގުތުގެ ފައިދާ ނެގުމުން އެކަން ޙާޞިލް ކުރެވިފައި އެބަހުއްޓެވެ.
ވީމާ ، ﷲގެ މަދަހައިގެ ބަސް ކުުރައްވާފައިވާ އަހުލުވެރިންގެ ތެރޭގައި ހިމެނި ﷲއަށް ކުއްތަން ވުމުގެ ފޮނިމީރުކަން ލިބިގަންނަ މީސްތަކުންގެ ތެރޭގައި އަޅަމެން ވަމާހެއްޔެވެ؟ ޚާއްޞަކޮށް މި ރަމަޟާންމަހުގައި އެކަމުގެ ފައިދާ ލިބިގަންނަމާ ހެއްޔެވެ؟