ސިއްހީ ހިދުމަތްތެރިންނަށް ހާއްސަ އެލަވަންސެއް ދޭން މަޝްވަރާ ކުރަނީ
ސިއްހީ ހިދުމަތްތެރިންނަށް ހާއްސަ އެވަލެންސެއް ދޭން މަޝްވަރާ ކުރަމުންދާ ކަމަށް ސަރުކާރުން ބުނެފިއެވެ.
ސިއްހީ ހިދުމަތްތެރިންގެ އަޑު މީސް މީޑިއާގައި ގަދަވާން މި ފެށީ ސަރުކާރު މުވައްޒަފުންނަށް މިމަހުގެ މުސާރަ ދިނުމަށް ނެރުނު އާ އޮނގަނޑުގައިވާ ގޮތުން ސިއްހީ ހިދުމަތްތެރިންގެ މިމަހުގެ މުސާރަ ކުޑަވުމާ ގުޅިގެންނެވެ.
މިކަމާ ގުޅިގެން ވާހަކަ ދައްކަވަމުން ކޮވިޑް-19ގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ ސަރުކާރު ބަންދު ނަމަވެސް އިތުރު ގަޑީގައި މަސައްކަތް ކުރާ ނަމަ އެ ގަޑީގެ ފައިސާ ލިބޭނެ ކަމަށެވެ. އޭގެ ތެރޭގައި ސިއްހީ ހިދުމަތްތެރިން ވެސް ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން މަބްރޫކް ވިދާޅުވީ ސިއްހީ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކަށް ހާއްސަ އެލަވެންސެއް ދިނުމަށް މިހާރު މަޝްވަރާ ކުރަމުންދާ ކަމަށާއި އެކަމުގެ ތަފްސީލުތައް ފަހުން ހާމަކުރާނެ ކަމަށެވެ.
އައިޖީއެމްއެޗުން މިދިޔަ އާދީއްތަ ދުވަހު ނެރެފައިވާ އިންޓާނަލް މެމޯއެއްގައި ބުނެފައި ވަނީ ކޮވިޑް-19 އާއި ގުޅިގެން މާރޗް 19 އިން ފެށިގެން ސަރުކާރުގެ އޮފީސްތައް ބަންދުކުރުމަށް ނިންމެވި ނަމަވެސް ނަރުހުންނަށް މުސާރަ ދިނުމަށް ނިންމާފައިވަނީ ރަސްމީ ދުވަސް ދުވަހުވެސް އަމަލުކުރާ ފަދައިން އެމުވަޒަފެއްގެ ޑިއުޓީ ގަޑީގެ މަސައްކަތް ކޮށްފައިވާ ގަޑިތަކަށް ކަމަށެވެ.
އެއީ ދުވާލަކު 8 ގަޑިއިރަށްވުރެން އިތުރަށް މަސައްކަތްކޮށްފައިވާ ވަގުތުތަކަށް އަދި އެހެނިެން މުވަޒަފުންނަށް ދުވާލަކު 6 ގަޑިރަށްވުރެން އިތުރަށް މަސައްކަތްކުރާ ނަމަ އެވަގުތަށް އިތުރުގަޑި ދެވޭނެކަމަށެވެ.
އައިޖީއެމް ހޮސްޕިޓަލުން މީގެ ކުރިން މުސާރަ ދިނުމުގެ ކަންތައްކުރާ އުސޫލަކީ، ރަސްމީ ބަންދު ދުވަސްތަކަކީ އެކްސްޓްރާ ދުވަހެއްގޮތުގައި މުވަޒަފުންނަށް މުޅި ދުވަހު އޯޓީ ލިބޭ ގޮތަށެވެ.