ދީނަށް އޮންނަ ޙުރުމަތް ކެނޑިއްޖެނަމަ، އަންނަ ޖީލުތަކަށް އޭގެ އަސަރު ކުރާނެ: ޝަހީމް
ދީނީ ކަންކަމަށް އޮންނަ ޙުރުމަތް ކެނޑިއްޖެ ނަމަ، ދެން އަންނަ ޖީލުތަކަށް އެކަމުގެ އަސަރުކުރާނެކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަޙީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ރޭ ބޭއްވުނު މި ރަމަޟާންމަހުގެ ފުރަތަމަ އިހްޔާ ފޯރަމް، "ރަމަޟާން މަހުގެ މަތިވެރިކަން" މި މައުޟޫއަށް ތަޤްރީރު ކުރައްވަމުން، ވަޒީރު ވިދާޅުވީ، ރޯދަ ހިފުމަކީ ދަތި އުނދަގޫ އަޅުކަމެއް ނޫންކަމަށާއި ރޯދަ ފަރުޟު ކުރައްވާފައި ވަނީ ހެޔޮ ޙާލުގައި ހާޒިރުވެ ރަށުގައި ތިބި މީހުންނަށާއި ދަތުރުވެރިޔާއަށް ވެސް ލުއިފަސޭހަ ވާނެގޮތަށެވެ. އަދި ފަހުން ގަޟާކުރާ ގޮތަށް މާބަނޑުމީހުންނާއި ކިރުމައިންނަށް ވެސް ރޯދަ ދޫކޮށްލުމުގެ އިޚުތިޔާރު ދެއްވާފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
"ދީނަށް ވުރެ ވަކިން މުހިންމުކަމެއް އޮވެގެން ނުވާނެ. މި ކަންކަމުގެ ޙުރުމަތްތެރިކަން ކެނޑި ހިނގައްޖެ ނަމަ ހެދިބޮޑުވެގެން އަންނަ ޖީލުތަކުގެ ހިތްތަކުގައި އިސްލާމްދީނާ މެދު އޮންނަ ޙައިބަތާއި ޤަދަރާއި ކަރާމާތް ނެތިގެން ހިނގައިދާނެ. މި ކަންކަމަށް ވިސްނަން ޖެހޭ" އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވިއެވެ.
މީގެ އިތުރުން ވަޒީރު ޝަހީމް ވިދާޅުވީ، ފަތުރުވެރިކަން ކުރިއަށްގެންދާ ރަށްތަކުގެ ރައްޔިތުން ރަމަޟާންމަހު ދުވާލުގެ ވަގުތުތަކުގައި ރެސްޓޯރެންޓްތައް ހުޅުވައިގެން ހާމަކަން ބޮޑު ގޮތުގައި ފަތުރުވެރިންނަށް ކާން ދިނުން ހުއްޓާލުމަށް އިލްތިމާސްކޮށް ނަޞޭޙަތްތެރިވާ ކަމަށެވެ. އަދި ފަތުރުވެރިންނަށް ޚިދުމަތް ދޭނަމަ އެމީހުން ތިބޭ ތަނެއްގައި އެކަމަށް ޚާއްސަ އިންތިޒާމެއް ހަމަޖެއްސުމަށް ވެސް ވަޒީރު އިލްތިމާސް ކުރެއްވިއެވެ.
ހަމައެހެންމެ ރަމަޟާން މަހުގެ މަތިވެރިކަމާއި ޙުރުމަތަށް އުނިކަމެއް އަންނާނެ ފަދަ ގޮތަކަށް އެފަދަ ކަންކަން ކުރުން ހުއްދަނުވާނެ ކަމަށާއި މިކަމާ ގުޅޭ ޤާނޫނާއި ޤަވާއިދުތައް ކައުންސިލުތަކުން ވެސް ތަންފީޒު ކުރުމަށް ވަޒީރު އިލްތިމާސް ކުރެއްވިއެވެ.