ދަރިން ދިމާލަށް އަބަދު ހަޅޭއްލެވެނީތަ؟ މިއޮތީ ރުޅި މަޑު ކުރާނެ ގޮތް!
ދަރިން ހެޔޮގޮތުގައި ތަރުބިއްޔަތު ކުރުމަކީ މައިންބަފައިންގެ ބޮލުގައި އެޅިފައިވާ މަސްއޫލިއްޔާތެކެވެ. ހަމަގައިމުވެސް ދަރިން ބެލުމަކީ ފަސޭހަ ކަމެއް ނޫނެވެ. ވަރަށް ގިނަ ގޮންޖެހުންތަކާއި ކުރިމަތި ލާން ޖެހޭނެއެވެ. ތިޔައީ ވެސް ފަސޭހައިން ކުޑަކަމެއް ވާއިރަށް ދަރިންނާއި އަޑުލައި ބާރަށް ވާހަކަދައްކާ އުޅޭ މީހެއް ހެއްޔެވެ؟ އަދި ރުޅި މަޑުވީމާ ފަހުން އެކަމާއި ދެރަވަނީ ހެއްޔެވެ؟
ބައެއް މައިންބަފައިން ގަބޫލު ކުރާ ގޮތުގައި ދަރިން ގޯސްކޮށް ކަމެއް ކުރުމުން ނުވަތަ ބުނާ ބަސް އަޑު ނޭހުމުން ހައްލަކީ ދަރިން ދިމާލަށް ހަޅޭއްލަވައި ބާރަށް އެއްޗެހި ކިއުމެވެ. އެކަމަކު ހަގީގަތުގައި، ދަރިން ދިމާލަށް ހަޅޭލައްވާ ހެދުމުން އެކުދިން އެކަން ކުރުން ހުއްޓާލުމުގެ ބަދަލުގައި ބޮޑަށް އެކަމެއް ކުރާނީއެވެ. އެހެންނަމަވެސް ދަރިންނަށް ހެޔޮ ނުބައި ކިޔައިދޭން ތިބި ބަޔަކީވެސް މައިންބަފައިންނެވެ. އެހެންކަމުން ދަރިން ދިމާލަށް ހަޅޭއްލެވުމުގެ ބަދަލުގައި ރީތިކޮށް ލޯބިން ކަންކަން ވިސްނައިދޭން މަސައްކަތް ކުރާށެވެ.
ދަރިން ގިނަ ކަންކަން ދަސްކުރާނީ އެކުދިން ދިރިއުޅޭ މާހައުލުގައި އުޅޭ މީހުންގެ އުޅުމުން ނަކަލު ކޮށްގެންނެވެ. އެހެންކަމުން މައިންބަފައިން ދަރިން ކުރިމަތީގައި ރުޅިއަންނަ ކޮންމެ ފަހަރަކު ހަޅޭއްލަވާ ނުވަތަ ދަރިން ދިމާލަށް ބުނަން ނުޖެހޭ ބަސްތައް ބުނާނަމަ އެކުދިންވެސް އެކަން ކުރަން ފަށާނެއެވެ. އެހެން ކަމުން މައިންބަފައިން އަބަދުވެސް ދަރިން ކުރިމަތީގައި ރީތިކޮށް މަޑުމައިތިރި ކޮށް އުޅުމަކީ ވަރަށް މުހިންމު ކަމެކެވެ.
ދަރިން ހިތްހަމަ ނުޖެހޭ ކަމެއް ކުރުމުން ނުވަތަ ބުނާ ބަސް އަޑު ނާހާނަމަ ރުޅި އައިސްގެން އެކުދިން ދިމާލަށް ހަޅޭއްލަވާ އެއްޗެހި ކިޔަން ފެށުމުގެ ކުރިން ހަމަޖެހިލާފައި ފުން ނޭވާއެއް ދޫކޮށްލާށެވެ. އޭރުން އައިސް ހުންނަ ރުޅި ކުޑަކޮށް މައިތިރިވެ ހަމަޖެހިގެން ހަޅޭއްނުލަވާ މަޑުމައިތިރިކަމާއިއެކު ދަރިންނާއި ވާހަކަ ދެއްކުމަށް އެހީތެރިވެދޭނެއެވެ.
ހަގީގަތުގައި ދަރިންގެ އުޅުމަށް ކުއްލިއަކަށް އަންނަ ބޮޑެތި ބަދަލުތަކުގެ ފަހަތުގައި ކޮންމެވެސް ސަބަބެއް އޮންނާނެއެވެ. އެހެންކަމުން ދަރިންގެ އުޅުމަށް ކުއްލިއަކަށް އަންނަ ނުރަނގަޅު ބަދަލުތަކުގެ ސަބަބުން އެކުދިން ދިމާލަށް އެއްޗެހި ކިޔާ އަދަބު ނުދޭށެވެ. އޭގެ ބަދަލުގައި ދަރިންނާއި ހަމަޖެހިގެން ލޯބިން ވާހަކަދައްކާ އެކުދިންގެ އިހުސާސްތައް ދެނެގަތުމަށް މަސައްކަތް ކުރާށެވެ.