ޑަބްލިއު.އެޗް.އޯ ގެ އިޙްމާލު އޮތް ކަމަށްބުނެ އެޖަމިއްޔާއަށް އެމެރިކާއިން ދެމުން އަންނަ ފަންޑު ކަނޑާލައިފި
އެމެރިކާއިން ދުނިޔޭގެ ޞިއްހަތާއި ބެހޭ ޖަމިއްޔާ، ޑަބްލިޔުއެޗްއޯ އަށް ދޭ ހުރިހާ ފައިސާއެއް ދިނުން ހުއްޓާލުމަށް، އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ނިންމައިފިއެވެ.
ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެމެރިކާއިން ރިކޯޑް އަދަދަކަށް މީހުން މަރުވެފައި ވަނިކޮށް، ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޓްރަމްޕް މިކަން ހާމަކޮށްފައިވާއިރު، އިއްޔެ އެކަނިވެސް އެޤައުމުން ދެ ހާހަށްވުރެ ގިނަ މީހުން މިބަލީގައިވަނީ މަރުވެފައެވެ.
ކޮވިޑް-19 އާއި ގުޅިގެން އެމެރިކާގެ ޞިއްހީ ތަޖުރިބާކާރުން ވަނީ މިދިޔަ ޖަނަވަނީ މަހުގައި އިންޒާރުތަކެއް ދީފައެވެ. އެހެންނަމަވެސް ޓްރަމްޕް ވަނީ އެ އިންޒާރުތައް ބަލައިނުގަނެ، މި ބައްޔަކީ އާދައިގެ ރޯގާއެއް ކަމަށް ބުނެފައެވެ. އަދި އިންފްލުއެންޒާ އާއި އެކު އުޅޭގޮތަށް، މި ބައްޔާއެކުވެސް އުޅެން ޖެހޭނެކަމަށް ޓްރަމްޕް ވަނީ ބުނެފައެވެ.
ޓްރަންޕްގެ ރޭގެ ބަޔާނުގައި އިތުރަށްބުނެފައިވަނީ އެމެރިކާއިން ޑަބްލިއު.އެޗް.އޯއަށް ކޮންމެ އަހަރަކު، 400 މިލިޔަންއާއި 500 މިލިޔަންއާ ދެމެދުގެ ޑޮލަރު ޚަރަދު ކުރަމުން އަންނަ ކަމަށާއި ނަމަވެސް އެފަރާތުން އެމެރިކާގެ ހާލަތު އެސެސް ކުރުމުގައްޔާއި ހާލަތު ރަނގަޅު ކުރުމަށް އެކަށީގެންވާ އެހީތެރިކަމުން ދެމުން ނާންނަ ކަމަށެވެ. އަދި ބުނެފައިވަނީ ޗައިނާއިން އެޖަމިއްޔާއަށް ޚަރަދު ކުރަނީ އެންމެ 40 ވަރަކަށް މިލިޔަން ޑޮލަރު ކަމަށެވެ.
ވައިޓް ހައުސްގައި ބޭއްވި އެބައްދަލުވުމުގައި ޓްރަންޕްވަނީ ޑަބްލިއު.އެޗް.އޯގެ މަސައްކަތާ މެދު ސުވާލު އުފައްދާފައެވެ.
"އެންމެނަށް އެބައެނގޭ އެފަރާތުން އެކަށީގެންވާ މަސައްކަތް ކުރަމުން ނާންކަން. އެފަރާތުންދަނީ ޗައިނާގެ ދޮގުތައް ޕްރަމޯޓް ކުރަމުން. ޗައިނާއަށް ގޮސް އެތަނުގެ ހާލަތު އެސެސް ކުރުމަކީ މުހިންމު ކަމެއް. އެކަން ކުރާތަނެއް ނުފެނޭ." ޓްރަންޕް ބުނެފައިވެއެވެ.